25 Apr 2023, 00:04
އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ޗެލްސީގައި މަޑުކުރުވުމަށް އޭނާއާ އެކްލަބުގެ ވެރިޔާ ޓޮޑް ބެއެލީ ވަކިން ވާހަކަދައްކާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޗެލްސީއާއެކު މައުންޓް ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އޮތީ އަހަރެއްހާ ދުވަހެވެ. އޭގެ ކުރިން މައުންޓްގެ ކޮންޓްރެކްޓް އާނުކުރެވިއްޖެ ނަމަ، އޭނާ އެކްލަބު ދޫކޮށްދާނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
މައުންޓް ހޯދުމަށް ބޮޑެތި ކްލަބުތަކަކުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ލިވަޕޫލާއި އާސެނަލް އަދި މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.
އޭގެ އިތުރުން ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް، ޖަރުމަންގެ ބަޔާން މިއުނިކާ ހަވާލުވުމާއެކު އެކްލަބުން ވެސް މައުންޓް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. ކްލަބުތަކަކުން މައުންޓް ހޯދުމަށް މަސައްކަތްކުރަމުންދާ އިރު، ޗެލްސީން ވެސް އަންނަނީ އޭނާ ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންނެވެ.
'ދަ އެތުލެޓިކް' އިން ރިޕޯޓުކުރާ ގޮތުގައި ޗެލްސީގައި މައުންޓް މަޑުކުރުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދަނީ އެކްލަބުގެ ވެރިޔާ ބޮއެލީއެވެ. މައުންޓާ ވަކިން މަޝްވަރާކޮށް، ބޮއެލީ ވަނީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ވާހަކަތައް ދައްކާފައި ކަމަށް ހަބަރުތައް ބުނެއެވެ.
އުމުރުން 24 އަހަރުގެ މައުންޓް ދަނީ އޭނާގެ އުމުރުން ހަ އަހަރުން ފެށިގެން ޗެލްސީއަށް ކުޅެމުންނެވެ. ޔޫތު ޓީމުތަކަށް ކުޅުމަށްފަހު، ޗެލްސީގެ ސީނިއާ ޓީމަށް މައުންޓް ކުޅެން ފެށީ 2017 ވަނަ އަހަރުއެވެ. ޗެލްސީގައި ވިދާލުމާއެކު މައުންޓަށް ވަނީ 2019 ވަނަ އަހަރުން ފެށިގެން އިނގިރޭސި ގައުމީ ޓީމުން ވެސް ފުރުސަތު ލިބިފައެވެ.