25 Apr 2023, 12:15
ފިލްމު އުފެއްދުމުގެ މަސައްކަތަށް ނިކުންނަށް ތައްޔާރަށްހުރި އާރްޔަން ޚާން އަލަށް ޑައިރެކްޓްކުރި ޕްރޮޖެކްޓްގެ ޓީޒާއެއް ދައްކާލައިފިއެވެ.
އާރްޔާން ޚާން ޑައިރެކްޓްކޮށްފައިވާ މި އިޝްތިހާރުގައި ދައްކާލީ ބައްޕަ އަދި ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންއެވެ. ޝާހްރުކް ޚާން ސްކްރީނުން ބަލާލުމަށް ކެތްމަދުވެފައިވާ އޯޑިއަންސަށް އާރްޔަން ޚާން ދޫކޮށްލީ މިކުޑަކުޑަ ވީޑިއޯ ޓީޒާއިން ޝާހްރުކް ޚާން ދައްކާލަނީވެސް ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ.
ބައްޕަ ޝާހުއާއެކު އާރްޔަން ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރި ފުރަތަމަ އިޝްތިހާރު އެއްކޮށް ކުރިޔަށްއޮތް 24ގަޑިއިރުތެރޭ ބެލުންތެރިންނަށް ފެންނާނެކަމަށް އާރްޔަން ވަނީ ބުނެފައެވެ. އެހެންކަމުން ޝާހްއާއި ދަރިފުޅުގެ ސަޕޯޓަރުން އަދި ކުޑަ އިންތިޒާރެއް މިވަނީ ކުރަންޖެހިފައެވެ.
އާރްޔަންގެ އަމިއްލަ ބްރޭންޑެއްގެ އިޝްތިހާރެއްގައި ބައްޕައާއެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށާއި ފުރަތަމަ މަސައްކަތަކީ އަބަދުވެސް ވަރަށް ހާއްސަ އެހާމެ ހަނދާނުން ފޮހެލަން ދަތި މަސައްކަތެއްކަމަށް އާރްޔަން ވަނީ ބުނެފައެވެ.
އާރްޔަންގެ މި ވީޑިއޯ އެޑްއަށް ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަކަމަށް ބުނެފައިވާއިރު ބޮލީވުޑްގެ ގިނަ ފިލްމީތަރިން ވަނީ އާރްޔަންއަށް މަރުހަބާ ކިޔާފައެވެ.
ޝާހްރުކް ޚާންއާއި އަންހެނުން ގޯރީ ޚާންގެ އަމިއްލަ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި ގުޅިގެން އުފައްދާ އާރްޔަންގެ ފުރަތަމަ ފިލްމުގެ ސްކްރިޕްޓް ވަނީ ނިންމާލާފައެވެ. ފިލްމުގެ ސްކްރިޕްޓް ނިންމާލިކަން އާރްޔަން އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. ފިލްމުގެ މަސައްކަތް ފަށާނެ ދުވަހަކަށް އިންތިޒާރުކުރެވޭކަމަށް އާރްޔަން ބުނެފައިވާއިރު މި ފިލްމާބެހޭ ތަފްސީލު އެއްވެސް ވަރަކަށް ރެޑް ޗިލީސްއިން ހާމަކޮށްފައެއް ނުވެއެވެ.
ޝާހްރުކްއާއި ގޯރީގެ ތިން ކުދިންގެ ތެރެއިން ދޮށީ ދަރިފުޅު އާރްޔަން ޚާންއަކީ މީޑީއާގެ ސަމާލުކަން އަބަދުވެސް ލިބޭ ޒުވާނެކެވެ. މީޑިއާއާއި ފޮޓޯގްރާފަރުންނާ ދުރުގައި އުޅެން އަބަދުވެސް މަސައްކަތްކުރާ އާރްޔާން ޚާންއަކީ ވަރަށް ބޮޑަށް ޕްރައިވެސީ ބޭނުންވާ ޒުވާނެކެވެ.
އާރްޔާން ޚާން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައިވާއިރު ކޮއްކޮ ސުހާނާ ޚާން ވެސް ވަނީ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައެވެ. ޒޯޔާ އަޚްތަރާއި ނެޓްފްލިކްސް ގުޅިގެން ގެނެސްދޭ ކޮމިކް ފިލްމު "އާޗީސް" އިން ސުހާނާ ވަރަށް އަވަހަށް ފިލްމީ ދުނިޔެއަށް ނުކުންނާނެއެވެ. މީގެއިތުރުން ދާދިފަހުން ސުހާނާ ވަނީ ބައިނަލް އަޤްވާމީ ކޮސްމެޓިކް ބްރޭންޑް މެއިބެލައިންގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ވެސް ސޮއިކޮށްފައެވެ.