25 Apr 2023, 09:33
ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 446.7 މިލިއަން ރުފިޔާ ޖެހޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯއިން މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާގޮތުން، މިހިނގާ އޭޕްރިލް މަހުގެ 21 ގެ ނިޔަލަށް މަސް ކިރުވައިގެން މަސްވެރިންނަށް 446.7 މިލިއަން ރުފިޔާ ޖެހޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %14 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް ޖެހުނު ފައިސާގެ އަދަދު އުޅެނީ، 380.7 މިލިއަން ރުފިޔާގައެވެ.
މި ތަފާސްހިސާބަށް ބަލާއިރު އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ގއ. ކޫއްޑޫއަށެވެ. ކޫއްޑޫއަށް 20،227 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ކޫއްޑޫއަށް ކިރުވިމަހުން މަސްވެރިންނަށް 339.3 މިލިއަން ރުފިޔާ ޖެހެއެވެ.
ކޫއްޑޫއަށް ފަހު ދެން އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ފެލިވަރަށެވެ. ފެލިވަރަށް 3،577 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ 54.2 މިލިއަން ރުފިޔާގެ މަހެވެ. ތިންވަނައަށް އެންމެ ގިނައިން މަސްކިރުވާފައި ވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށެވެ. އެތަނަށް 3،151 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ 53.3 މިލިއަން ރުފިޔާއެވެ.

މިފްކޯއަށް މަސްކިރުވި އަދަދު ދައްކުވައިދޭ ތަފާސްހިސާބު
މި އަހަރުގެ މިހާތަނަށް އާއިރު، ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށް މިފްކޯއިން ފާހަގަކުރާއިރު، މިފްކޯއިން މިހާރު ވަނީ މަސްކިރުވުމުގެ ގޮތުން ތ. އަތޮޅު ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ.
މީގެ ކުރިން "ސަން"އާ ވާހަކަދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެފައިވަނީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. މިގޮތުން އެންމެ ފުރަތަމަ މަސައްކަތަކަށް ވާނީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ބޭނުންވާ ފައިސާ ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ލަފާކުރާ ގޮތުގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަދުވެގެން 157 މިލިއަނެއްހާ ރުފިޔާ ހޭދަވާނެއެވެ. މި އަދަދު ލަފާކޮށްފައިވަނީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ހާލަތު ބެލުމަށް ހެދި އެސެސްމަންޓްތަކަށް ފަހުއެވެ.