އެކަމުން އަމަންއަށް އުފަލެއް ނުލިބުނެވެ. ގަބުވެފައި އޭނާ އިރުކޮޅަކު އިނެވެ. ކުރެވުނީ ކުށެއް ހެން އަމަންއަށް ހީވާން ފެށިއެވެ. އޭނާ ބާރުބާރަށް ހިނގާފައި ނުކުތްއިރު، ބިންޔާ ފެންނަންވެސް ނެތެވެ.

********

ގެ ހުންނަ ގޯޅިއަށް ވަދެވުމާއިއެކު، ބިންޔާގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. ބިންޔާ އުޅޭ ގޭގެ ބޭރުގައި މިޒްޔަލް ހުރީ ފާރުގައި ލެނގިލައިގެންނެވެ. ދިހަވަރަކަށް ފޫޓު ދުރުންވެސް އެމޫނުން ފެންނަމުންދިޔަ ނުތަނަވަސްކަން ބިންޔާއަކަށް ސިއްރެއް ނުވިއެވެ.

މިޒްޔަލް ހުރީ ބިންޔާ ގޭގެ ދޮރު ހުޅުވައިލަންދެނެވެ. އެތެރެއަށް ވަންގޮތަށް ފުރަގަހުން ބިންޔާގެ ގައިގައި ބައްދާލިއެވެ. އެންމެ ގާތްވެލުމަކުންވެސް މިޒްޔަލްގެ ހިތަށް ހަމަޖުހުން ލިބުނެވެ. މިޒްޔަލްގެ މަޑުމައިތިރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ބިންޔާއަށް އެނގެއެވެ. ބިންޔާ ދެރަވީ އެ ހުރިހާ ކަމެއް އައިސް އޭނާއާއި ހަމައިން ނިމޭތީއެވެ.

"މާދަމާ ހެކިވެރިން އަންނާނެ... ބިންޔާ ބޭނުން އަދަދަކުން ރަން ކިޔަންވީ... އަހަރެން ބޭނުމެއްނޫން ކައިވެނި އެންމެ ދުވަހެއްވެސް ލަސްކުރާކަށް..." މިޒްޔަލް އެހުރިގޮތަށް ހުރެ ބުނެލިއެވެ.

ބިންޔާއަށް ހިންދިރުވައިލެވުނެވެ. އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހުރިހާ ކަމެއް ދޫކޮށްފައި، މިޒްޔަލްއާއި ކައިވެނި ކުރަންވީ ހެއްޔެވެ؟ އޭރުން ބިންޔާއަށްވުރެ އަމިއްލަ އެދުން ބޮޑު މީހަކު ނުހުންނާނެއެވެ. މިޒްޔަލް ނުބުންޏަސް އެހިތުގައި ރިއްސާނެއެވެ. ބިންޔާ ފެންނަނަމަ، ކުރީގެ ހަނދާންތަކުން އެހިތް ކަތިލެވޭނެއެވެ. އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. އެއީ ހުސް ބިންޔާއަށް ހީވި ގޮތެވެ. މިޒްޔަލްގެ ހިތް އޮތްގޮތެއް ބިންޔާއަކަށް ނޭނގެއެވެ.

"މަންމަ ފުރަތަމަ ފަހަރަށް ދެންމެ ވާހަކަ ދައްކައިފި... ފެށޭ ހަފްތާ މަންމަމެން މާލެ އަންނާނެ..." މިޒްޔަލްގެ އަޑުގައިވި މާޔޫސްކަން ފިލާދިޔައެވެ. "އަހަރެން ބޭނުން މަންމަ އަންނަ ތަނަށް ބިންޔާ ގޮވައިގެން ދާން... މަންމައަށް ބިންޔާ ފެނުނީމަ ވަރަށް އުފާވާނެ..."

"މިޒްޔަލްގެ އުފަންދުވަހު އަހަރެން ދިން އަނގޮޓި ލިބުނުތަ؟..." ބިންޔާ ކުރީ އެހެން ސުވާލެކެވެ.

"ކޮން އަނގޮޓިއެއް؟..." ބިންޔާ އަނެއް ފަރާތަށް އަނބުރައިލަމުން، މިޒްޔަލް އަހައިލިއެވެ. އޭރު މިޒްޔަލްގެ މޫނުން ފެންނަމުންދިޔައީ ހައިރާންކަމެވެ.

"އަހަރެން ދިން ޕާރުސަލްގަ އޮންނާނީ މިޒްޔަލްގެ މަންމަގެ އަނގޮޓި..." ބިންޔާ ހުރީ މިޒްޔަލްގެ މޫނަށް ވެރިވާ އަސަރުތަކަށް ވިސްނައިގެންނެވެ. "އަހަރެން ހީކުރީ އެ އަނގޮޓި ފެނުނީމަ މިޒްޔަލް އެކަމާ ބެހޭގޮތުން ސުވާލުކުރާނެކަމަށް... އެކަމަކު، މިޒްޔަލް އެއްވެސް އެއްޗެއް ނުބުނި... އަހަރެންގެ މަގުސަދަކީ ހަގީގަތް ސިއްރު ކުރުމެއް ނޫން..."

"އެކަމުގަ ބިންޔާގެ ކުށެއް ނެތް.. ޕާރުސަލު ގެއްލުނީ އަހަރެންގެ ފަރުވާކުޑަ ކަމުން.. ކޮޓަރިން އެ ނެގީ ކާކުކަން އެނގިއްޖެ.. އަހަންނާ އަހަރެންގެ މަންމަ ދުރުކުރުވަން މަސައްކަތްކުރާނެ މީހަކަށް ގޭގަ އުޅުނީ ޒަޔާންގެ މަންމަ.." މިޒްޔަލްގެ ހަނދާނަށް ހުރިހާ ކަމެއް އައެވެ. "އެއީ މާޒީ.. ހުރިހާ ކަމެއްވެސް ނިމިއްޖެ.. އަހަންނަށް މަންމަ ލިބިއްޖެ.. އަންބަކުވެސް މި ލިބެނީ..."

މިޒްޔަލް ލާނެތް ގޮތަކަށް ބިންޔާއާއި ސަމާސާކޮށްލިއެވެ. އުނަގަނޑުގައި ހިފައި ގާތަށް ދަމާލަމުން، ދެކޯތާފަތުގައި ހިފެހެއްޓިއެވެ. ބިންޔާ އޭނާގެ އަނތްބަކަށް ހަދަން މިޒްޔަލް ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ދެމީހުން ދުރުވާންޖެހޭ ސަބަބެއް މިއަދު އެ ދެމެދުގައި އޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. މިޒްޔަލް ކައިރިވާން އުޅުމުން، ބިންޔާ އެކަން ހުއްޓުވިއެވެ.

"ސޮރީ މިޒްޔަލް... އަހަންނަށް މިޒްޔަލްއާ ކައިވެނި ކުރެވޭކަށް ނެތް... އަހަރެންމީ ރަނގަޅު މީހެއް ނޫން..." ބިންޔާ އިސްޖަހައިލިއެވެ.

"ކީއްވެ ތިހެން ތިބުނީ؟..." ބިންޔާ ދަތްދޮޅީގައި ހިފާ އުފުލައިލަމުން މިޒްޔަލް ވަރަށް ލޯބިން ސުވާލުކުރިއެވެ. "އަހަރެން ބިންޔާދެކެ ވަރަށް ލޯބިވޭ... އަހަންނަށް ކަންތައް ކުރެވޭގޮތް ގޯހިއްޔާ، އެކަންކަން ރަނގަޅު ކުރަން އަހަރެން މަސައްކަތް ކުރާނަމޭ..."

"އަހަރެންގެ ސަބަބުން މިޒްޔަލްއަށް ހުރިހާ ދެރައެއް ލިބެނީ... މިޒްޔަލްގެ މަންމައަށް އެހެން ދިމާވީވެސް އަހަރެންގެ ސަބަބުން... އަހަންނަކީ މިޒްޔަލްއާ އެކަށީގެންވާ މީހެއް ނޫން..." ބިންޔާގެ އަޑު ކުރެހުނެވެ.

"ތީ ކާކު ދެއްކި ވާހަކައެއް؟... އަމަންތަ؟..." މިޒްޔަލްގެ އަޑުގައިވީ ހަރުކަށިކަމެވެ. "އަމަންދޯ؟..."

ބިންޔާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން، މިޒްޔަލްގެ ރުޅި ގަދަވިއެވެ. އަމަންދެކެ ހިތްހަމަނުޖެހުނެވެ. ބިންޔާއަށް ހަގީގަތް ކިޔައިދޭނީ އަމަންއެވެ. އިތުރު މީހަކަށް އެ ހަގީގަތެއް ނޭނގޭނެއެވެ. މިޒްޔަލް ބާރުބާރަށް ހިނގާފައި ގެއިން ނުކުތެވެ. އަމަންއަށް ގުޅަމުން އޭނާ ހިނގައިގަތީ، ސައިކަލާއި ދިމާއަށެވެ.

މިޒްޔަލް ދިޔައީ އަމަންގެ ގެއަށެވެ. ދޮރު ހުޅުވީ އަމަންއެވެ. އަމަން ފެނުމާއިއެކު މިޒްޔަލްގެ ލޭ ކެކިގަތެވެ. އޭނާ އެހާ އުނދަގުލުން ބިންޔާ ހަމައަކަށް އެޅުވުމުން އަމަން ހުރިހާ ކަމެއް ފަނުފުލުން ދުއްވާލައިފިއެވެ.

"އަހަރެން ހީކުރީ އަމަންތީ އަހަންނަށް ހެޔޮއެދޭ އެކުވެރިއެއް ކަމަށް..." މިޒްޔަލްގެ ހަރުކަށި އަޑު އިވުމުން، އަމަންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެއީ އޭގެ ކުރިން މިޒްޔަލް އަމަންއާއި ދުވަހަކުވެސް ވާހަކަ ދައްކާފައިވާ ގޮތެއް ނޫނެވެ.

"މިޒްޔަލް ހަމަޖެހިބަލަ... ވަދޭ އެތެރެއަށް..." މިޒްޔަލްގެ ކޮނޑުގައި އަތް ޖައްސައިލަމުން، އަމަން އެދުނެވެ.

މިޒްޔަލް އަމަންގެ އަތް ފޮޅުވައިލިއެވެ.

"ކީއްކުރަން ވަންނަނީ..." މިޒްޔަލްގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. "އަހަރެން ހީކުރީ، އަހަރެންގެ ހާލަތު އެންމެ ރަނގަޅަށް އަންޑަސްޓޭންޑް ވާނީވެސް އަމަންއަށް ކަމަށް... އެކަމަކު، އަހަރެން ހީކުރި ކަހަލަ މީހަކަށް އަމަން ނުވި... އަމަންގެ ބޭނުމަކީ އަހަންނާ ބިންޔާ ދުރުކުރުން..."

ވީގޮތް އެނގުމުން، އަމަންއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ބިންޔާގެ ކައިރީގައި ވާހަކަ ދެއްކި އިރުވެސް، އެ ވާހަކަ މިޒްޔަލްގެ ކަންފަތާއި ހަމައަށް ދާނެކަން އޭނާއަށް އެނގެއެވެ. އަމަންއަށް ނޭނގުނީ، އެކަން އެހާ އަވަސްވާނެކަމެވެ.

"އަހަރެން ހުރިހާ ކަމެއް ކުރީ މިޒްޔަލްގެ އުފަލަށް ވިސްނާފަ... ފިއުޗަރއާ ދޭތެރޭ ވިސްނާލަންވާނެ..." އަމަން ހުރީ ދެރަވެފައެވެ.

"އަހަރެންގެ އުފަލަށް މީގެ ފަހުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ..." މިޒްޔަލް ހިތްހަމަނުޖެހިގެން ދާން ހިނގައިގަތެވެ.

ޖެހި ބުދެއްހެން އަމަން ހުއްޓެވެ. މިޒްޔަލްފަދަ އެކުވެރިއަކު ގެއްލޭކަށް އަމަން ބޭނުމެއް ނުވިއެވެ. އޭނާ މިޒްޔަލްއަށް ގޮވަމުން ފަހަތުން ދިޔައެވެ.

*********

ސަމީރާ މާލެ އައީ މިޒްޔަލްގެ ކައިރީގައި ބުނި ދުވަހަށްވުރެ ދެ ދުވަސް ކުރިންނެވެ. އެމީހުން އެކަން ސިއްރުކުރީ، މިޒްޔަލްގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން ސަރަފިއްޔާ އެދުނު އެދުމަކަށެވެ. މަންމަ ހެޔޮ ހާލުގައި ކޮޅަށް ހުއްޓާ ފެނުމުން، މިޒްޔަލްގެ ދެލޮލުން އައީ އުފާވެރިކަމުގެ ކަރުނައެވެ. މިޒްޔަލް ފެންކަޅިވެފައި ހުއްޓާ، ސަމީރާ އައިސް މިޒްޔަލްގެ ގައިގައި ބައްދާލިއެވެ. އެތައް ދުވަހަކަށްފަހު، މައެއްގެ ލޯބި ލިބުމުން، މިޒްޔަލްގެ ހިތް ފުރިގެން ދިޔައެވެ.

"އުފާވެރި އުފަންދުވަހެއް ދަރިފުޅާ..." ސަމީރާގެ އަޑު ނުކުތީ އުނދަގުލުންނެވެ.

އަދިވެސް އޭނާއަށް ރަނގަޅަށް ވާހަކަ ދައްކަން އުނދަގުލެވެ. ދުލުގައި ވަރެއް ނުހުރެއެވެ. ގިނައިރު ކޮޅަށް ހުރުމަށް ދަތިވެއެވެ. ހިނގުމުގައި އައިބުގޮތެއް ހުއްޓަސް، ބަލާބެލުމަށް، ސަމީރާގެ މާބޮޑު އުނިކަމެއް ހުރިކަމަކަށް ފާހަގައެއް ނުވެއެވެ.

ސަމީރާއަށް މީރުވާނެހެން ހީވާ ހުރިހާ އެއްޗެއް ސަރަފިއްޔާ ތައްޔާރުކޮށްފައި ހުއްޓެވެ. މަންމަމެން އަންނަކަން މާމައަށް އެނގި، އެކަން ސިއްރުކުރުމުން، މިޒްޔަލް ކުދިކިޔެވެ. ސަރަފިއްޔާވެސް ދުލެއް ނުކުރިއެވެ. ސަރަފިއްޔާއާއި މިޒްޔަލްގެ ކޯޅުންގަނޑު ބަލަން ސަމީރާ އިނީ ހިނިތުންވެލައިގެންނެވެ. އެއީ ކޮންފަދަ އުފާވެރި މަންޒަރެއް ހެއްޔެވެ؟ އެ މަންޒަރު ނުފެނި ދުނިޔެއިން ވަކިވާންޖެހުނުނަމަ، އޭނާވަރުގެ ބަދުނަސީބުވެރިއަކު މިދުނިޔޭގައިވެސް ނުވީހެވެ. ސަމީރާ ހިތާއިހިތުން ސަރަފިއްޔާއަށް ޝުކުރުވެރިވިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ތަރުބިއްޔަތުކޮށްފައިވާލެއް ފުރިހަމަކަމުން، ހިތުގެ އަޑިން ތައުރީފު ކުރިއެވެ.

އެންމެން ކާގެއަށް ވަނުމުން، ސަރަފިއްޔާ ނުކުތީ ބޭރަށެވެ. އެނބުރި އައިއިރު، ސަރަފިއްޔާ އާއިއެކު އިތުރު މީހަކު ހުއްޓެވެ.

"ބިންޔާ!..." މިޒްޔަލްއަށް ކޮޅަށް ތެދުވެވުނެވެ.

"ދަރިފުޅު އިހަށް އިށީނދެބަލަ... މިކުއްޖާ ލަދުގަންނުވާލަންތަ ތިއުޅެނީ؟..." ސަރަފިއްޔާގެ ލާނެތްކަމުން، ސައީދަށްވެސް ހެވުނެވެ. އޭނާ އެކަން ފޮރުވުމަށް އަވަހަށް ކަރުކެހިލިއެވެ.

ބިންޔާ ހުރީ ހިނިތުންވެލަންވެސް ނޭނގިފައެވެ. މިޒްޔަލް ފެނުމުން، ތަފާތު އިހުސާސެއް ކުރެވިގެން ދިޔައެވެ. ދެމީހުން ވާހަކަ ނުދައްކާ ދުވަސްކޮޅެއް ފާއިތުވެދިޔަ ނަމަވެސް، ދެމީހުންގެ ހިތުގައި އޮތް ލޯތްބަކަށް ފަނޑުކަމެއް ނާދެއެވެ.

ސަމީރާ އުނދަގޫގޮތަކަށް ތެދުވެގެން ގޮސް ބިންޔާގެ ގައިގައި ހިފަހައްޓައިލިއެވެ. ވަރަށް ލޯބިން ބޮލުގައި ފިރުމާލިއެވެ. އާސިފުގެ އަޅުވެތިކަމުގައި އެނދުން ނުތެދުވެވިފައި އޮތްއިރުވެސް ބިންޔާއަކީ ސަމީރާއަށް ހާއްސަ ކުއްޖެކެވެ. އޭނާ ދިރިހުރީ ބިންޔާ ވެދިން އިހުސާންތެރިކަމުގެ ސަބަބުންނެވެ. ނިކަމެތި ހާލުގައި ސަމީރާ ބެލީ، ބަދަލަކަށް އެދިގެނެއް ނޫނެވެ. އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ބިންޔާއަކީ ކާކުގެ ދަރިއެއްކަން ސަމީރާއަށް އެނގުނެވެ. ބިންޔާއަށް ލިބިފައިވަނީ ބިންޔާގެ ބައްޕަގެ ސިފައެވެ. އެ އޯގާތެރިކަމާއި، ހިތްހެޔޮކަމެވެ. ބިންޔާގެ މަންމަ ސަމީރާއާއިމެދު ގޯސްކޮށް ކަންތައް ކުރީ އޭގެ ފަހަތުގައި ސަބަބެއް ފޮރުވިފައި އޮތީމައެވެ. އެއީ ބިންޔާގެ ބައްޕައާއި ސަމީރާއާއި ދެމެދު ލޯބީގެ ގުޅުމެއް އޮތްކަން އެނގުމުން، ބަދަލު ހިފުމެއްގެ ގޮތުން ކުރި ކަމެކެވެ. އެއިން އެއްވެސް ކަމެއްގައި ބިންޔާގެ ކުށެއް ނެތެވެ.

"މަންމަ ވަރަށް އުފާވެއްޖެ، މަންމަގެ އެދުމަށް ދެކޮޅުހެދުމެއްނެތި ދަރިފުޅު އައީމަ..." ހުއްޓަމުން ކަހަލަ ގޮތަކަށް ސަމީރާ ވާހަކަ ދެއްކިއެވެ.

ކަންވީގޮތް ކިޔައިދިނީ ސަރަފިއްޔާއެވެ. ބިންޔާ ކައިވެންޏަށް ދެކޮޅުހެދި ދުވަހުން ފެށިގެން، މިޒްޔަލް ހުރީ ހިމޭންވެފައެވެ. ސަރަފިއްޔާއަށް އެކަން ފާހަގަވެގެން އެ ވާހަކަ ދެއްކީ އަމަންގެ ކައިރީގައެވެ. ބިންޔާއާއި ބައްދަލުކޮށް ވާހަކަ ދައްކަން ސަރަފިއްޔާއަށް އެހީވީ އަމަންއެވެ. ކުރެވުނު ކަންތަކާއި ހިތާމަކޮށް، ކަންކަން ހަމައަކަށް އަޅުވަން އަމަން ބޭނުންވީ، އެކުވެރިޔާގެ އުފަލަށް ވިސްނާފައެވެ. ސަރަފިއްޔާ ހޯދީ ސަމީރާގެ އެހީތެރިކަމެވެ. ސަމީރާގެ ފަރާތުން އޭނާއަށް އެނގުނީ ބިންޔާގެ ހެޔޮކަމެވެ. ސަމީރާއަށް އެހީވާން ބިންޔާ ކުރި މަސައްކަތް އެނގުމުން، ސަރަފިއްޔާގެ ހިތުންވެސް ބިންޔާއަށް ޖާގައެއް ހުސްކުރެވުނީއެވެ. ސަމީރާ ބިންޔާއަށް ގުޅާ، ބިންޔާގެ ކުށެއް ނެތްކަން ވިސްނައިދިނެވެ. މިޒްޔަލްގެ ދިރިއުޅުމުން، ބިންޔާ ދިޔުމަކީ މިޒްޔަލްއަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމުގައި ބުނެދިނެވެ.

"މީ ދަރިފުޅުގެ އުފަންދުވަހު މާމަ ދޭނެ ހަދިޔާއަކީ..." ބިންޔާ ދައްކައިލަމުން ސަރަފިއްޔާ ބުނެލިއެވެ.

ކުއްލިއަކަށް ހީވީ ގޭގެ ދޮރުވެސް ވައްޓައިލި ހެންނެވެ. ދޮރުގައި ކޮންމެވެސް މީހަކު ޖަހާ އަޑު މުޅި ގޭތެރޭގައި ގުގުމައިލިއެވެ. ދޮރު ހުޅުވީ ސައީދެވެ. ސައީދު ނުވިސްނާ ހުއްޓާ، ނާޒިރާ އެތެރެއަށް ދެމިގަތެވެ. އަތުޖެހުނު އެއްޗެއް ހަލާކުކުރަމުން، ސަމީރާއަށް ގޮވަމުން، އޭނާ ދިޔައީ ސީދާ ކާގެއާއި ދިމާއަށެވެ. ކާގެ ދޮރުމަތިން، ނާޒިރާ ހިފެހެއްޓީ ޒަޔާނެވެ.

"ދޫކުރޭ އަހަރެންގެ ގައިން... އަހަންނަށް އެނގިއްޖެއޭ ކަލޭމެން އެ ސަމީރާ މިގެއަށް ގެނައިކަން... އޭނަ އެއުޅެނީ އަހަންނާ ސައީދު ދުރުކުރަންވެގެން... މައްސަލަ އުފައްދަންވެގެން... ވަރަށް ނުލަފާ މީހެއް އެއީ... އޭނަ ޖެހޭނީ މަރާލަން..." ނާޒިރާ ހަޅޭއްލަވަމުން ދިޔައެވެ.

ނާޒިރާ ހުރީ ރަނގަޅަށްވެސް މޮޔަވެފައެވެ. ހޭޖެހޭ އެންމެ ވަގުތުކޮޅެއްވެސް ނުދެއެވެ. އަމިއްލަ ނަފުސަށްވެސް ގެއްލުންދެނީއެވެ. ގޭތެރޭގެ އެއްޗެހިތައް ހަލާކުކުރަންވެސް ވަކި ވަގުތެއް ނޯވެއެވެ. ޑަކުޓަރު ލަފާ ދީފައި އޮތީ، އެފަދަ މީހުން ބަލަހައްޓާ މަރުކަޒަކަށް ވީ އެންމެ އަވަހަކަށް ގެންދިޔުމަށެވެ. އެއީ ޒަޔާނަށް ކުރަން ފަސޭހަ ކަމަކަށް ނުވާތީ އެހާ ދުވަސް ވަންދެން ހުރެވުނީއެވެ. އެހެނަސް، އެކަން ކުރަން މިއަދު އޭނާއަށް މަޖުބޫރުކުރުވައިފިއެވެ.

(ނުނިމޭ)