24 Apr 2023, 23:30
ކުޅިވަރު ހަރަކާތްތައް ހިންގާ، އެ ދާއިރާ ތަރައްގީ ކުރަން ހުޅުމާލެއިން ޔޫތު މިނިސްޓްރީއަށް ބިމެއް ދީފިއެވެ.
އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަން ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައި ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ ކުންފުނިން، ސްޕޯޓްސް އެންޑް ރިކްރިއޭޝަން ޑެވެލޮޕްމަންޓަށް ހުޅުމާލެއިން ބިމެއް ޔޫތު މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.
ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށްޓަކައި އާބަންކޯއިން މިނިސްޓްރީއަށް ބިން ދީފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ. އެ ބިމަކީ 5.4 ހެކްޓަރުގެ ބިމެކެވެ.
މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ. އަދި، އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަޙްމަދު އާތިފްއެވެ.