އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގެ ސަރުކާރުން އޮންލައިންކޮށް ގޭމް ކުޅުމާ ގުޅޭ އާ ގަވައިދުތަކެއް އެކަށައަޅައި އާންމުކޮށްފިއެވެ.

ޓެމިލް ނާޑޫ އޮންލައިން ގޭމިން ކޮމިޝަނާއި އޮންލައިން ގޭމިން ރެގިއުލޭޝަން ގަވައިދު އެކުލަވާލާފައި މިވަނީ ބައެއް އޮންލައިން ގޭމް ކުޅުން މަނާކޮށް ޓެމިލް ނާޑޫ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ބިލް އެސްޓޭޓްގެ ގަވަރުނަރު އާރްއެން ރަވީ އަނބުރާ ފޮނުވާލެއްވުމުން އެ ބިލަށް މަޖިލީހުގައި ފުޅާދާއިރާއެއްގައި ވާހަކަ ދައްކައި، އިސްލާހުތަކާއެކު އަލުން ފާސް ކުރުމުންނެވެ. މިހާރު އެ ގާނުނު ވަނީ ތަސްދީގުކޮށްފައެވެ.

މި ގަވާއިދުތައް އެކުލަވާލައި ގެޒެޓުގައި ޝާއިއުކޮށްފައިވާއިރު، މިހަފުތާގައި މި ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

މި ގާނޫނުގައި ބުނާގޮތުން ޓެމިލްނާޑޫގައި އޮންލައިން ގޭމިން އަށް ހުއްދަދޭނީ އެސްޓޭޓްގެ ކޮމިޝަނުގައި ނަން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ. އަދި އެގޮތަށް ރަޖިސްޓްރީ ކުރާ ކުންފުނިތަކަށް އެސްޓޭޓްގެ ސަރުކާރުން އެކަމަށް ހިތްވަރުވެސް ދޭނެއެވެ.

އަދި އެ ޤާނޫނުގައި ބުނާގޮތުން އެފަދަ ކުންފުނިތަކުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ވާން ޖެހޭނެއެވެ. ޗެންނާއީގައި ހުންނަ ޓެމިލް ނާޑޫ އޮންލައިން ގޭމިން އޮތޯރިޓީގައި ނަން ރަޖިސްޓްރީ ކުރުމާއި، ސެޓްފިކެޓަށް އެދި ހުށަހެޅޭނީ އެއް ލައްކަ ރުޕީސްގެ ފީއެއް ދެއްކުމުންނެވެ.

އެ ކުންފުނީގެ ނަން ރަޖިސްޓްރީ ކުރުމަށް ހުށަހަޅާތާ ނުވަތަ އެޕްލިކޭޝަން ލިބޭތާ 15 ދުވަހުގެ ތެރޭގައި ލިޔެކިޔުން ފުރިހަމަނުވާނަމަ އެ ހުށަހެޅުން ބާތިލު ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވެއެވެ. ނަމަވެސް ބާތިލު ކުރުމުގެ ކުރިން އެކަމަށް އެދި ހުށަހަޅާ ފަރާތަށް އިތުރު ފުރުސަތެއް ދޭނެއެވެ.

އޮންލައިން ގޭމިން އަކީ އިންޑިއާގައި ކުރިއަރަމުން އަންނަ ސިނާއަތެއް ކަމަށްވާއިރު، އެއީ އެތައް މިލިއަން ޔޫޒަރުންނެއް އަދި އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭ ސިނާއަތެކެވެ. ނަމަވެސް އެއީ އިޖުތިމާއީ ބައެއް ނުރައްކާތައް އެކުލެވޭ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެގޮތުން ޖުވާ ކުޅެ، ފައިސާގެ މުއާމަތާތްތައް ކުރަން ޖެހޭ ގޭމްތަކުގެ ނުރައްކާ އެ ފަރާތްތަކުން ފާހަގަކުރެއެވެ. އެހެންކަމުން ބައެއް އޮންލައިން ގޭމްތައް ކުޅުމަކީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މިހާރުވެސް ގާނޫނާ ޚިލާފު ކަމެކެވެ.