24 Apr 2023, 22:55
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް ވުރެ އިތުރުވެ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ރެކޯޑް އަދަދަކަށް މައްޗަށް ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ދައްކުވައިދޭ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް 651،155 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، %19.7 އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 544،188 ފަތުރުވެރިންނެވެ.
ކޮވިޑަށް ފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށާފައިވާއިރު، މިހާރު ޖުމްލަ ގޮތެއްގައި ރާއްޖެއަށް ދުވާލަކު 5،532 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި އަދަދު:
ޖެނުއަރީ: 172،499
- ފެބްރުއަރީ: 177،915
- މާރިޗް: 173،514
- އޭޕްރިލް: 127،227 ( 1 ކުން 23ވަނަ ދުވަހުގެ ނިޔަލަށް)

ފަތުރުވެރިންގެ ބަޔަކު ވީއައިއޭގައި--- ސަން ފޮޓޯ
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޔޫރަޕްގެ ޤައުމުތަކުންނެވެ. މީގެ އިތުރުން އެމެރިކާ، ފަދަ އާ މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ކޮވިޑް ކުރިން ރާއްޖޭގެ އެއްވަނަ މާކެޓް ކަމަށްވާ، ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ޤައުމު:
ރަޝިއާ: 77,668
- އިންޑިއާ: 69,414
- އިނގިރޭސިވިލާތް: 63,093
- އިޓަލީވިލާތް: 54,308
- ޖަރުމަނުވިލާތް: 48,564

ރާއްޖޭގެ މަތީފަންތީގެ ރިސޯޓެއްކަމަށްވާ އިރުފުށި މޯލްޑިވްސް --
އޭޕްރިލްމަހުގެ 23ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ގޮތުގައި ޖުމްލަ 1،237 ތަން ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރެއިން އޮޕަރޭޓްކުރަމުންދަނީ 1،233 ތަނުގައެވެ. މިގޮތުން މި ތަންތަނުގެ ޖުމްލަ ބެޑްގެ އަދަދަކީ 60،538 އެވެ.
މި އަހަރުގެ މިހާތަނަށް ހިންގަމުންދާ ޓޫރިސްޓް ވިޔަފާރިތަކުގެ އަދަދު:
ރިސޯޓް: 170
- ގެސްޓްހައުސް: 897
- ހޮޓެލްސް: 13
- ސަފާރީ: 153
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހަ ލައްކައަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒުހިފިއިރު، އެއަހަރު ނިމުނުއިރު ރާއްޖެއަށް ވަނީ 1,675,303 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.