ތިއޭޓަރު ފިލްމުތަކާއި އެކްޓަރުންގެ އެންމެ ބޮޑު އެއް ކޮންވެންޝަން ކަމަށްވާ "ސިނެމާ ކޮން"ގެ މިއަހަރުގެ ތަރިއެއްގެ ގޮތުގައި ޒުވާން އެކްޓަރު އަދި ލަވަކިޔުންތެރިޔާ ޒެންޑެޔާ ހަމަޖައްސައިފިއެވެ.

ކޮންމެ އަހަރަކު ބާއްވާ މި އިވެންޓުގެ އެންމެ ބޮޑު އެއް ހަރަކާތަކީ "ސްޓާ އޮފް ދަ އިޔާ" ނުވަތަ އަހަރުގެ ތަރިއެއް ހޮވުމަށް ދޭ އެވޯޑެވެ. އެކްޓަރުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ މި އެވޯޑު މިއަހަރު ޒެންޑެޔާ އަށް ދިނުމަށް ހަމަޖެހިފައިވާއިރު އެ އެވޯޑު އޭނާ އަށް ހަވާލު ކުރާނީ މިމަހުގެ 27 ގައެވެ.

ޑިޒްނީ އިން ފުރަތަމަ މަގުބޫލުކަމެއް ހޯދި ޒެންޑެޔާ އަންނަނީ މިހާރު ތަފާތު އެކި ކަހަލަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ލަވަ ކިޔުމަށް ބޮޑު ސަމާލު ކަމެއް ދިން ނަމަވެސް އޭނާ މިހާރު ބޮޑަށް މަސައްކަތް ކުރަނީ އެކްޓިން ގައެވެ.

ހޮލީވުޑްގެ ބޮޑެތި ބައެއް ޕްރޮޖެކްޓުތަކުގައި މިހާރު ވެސް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި އޮސްކާގައި ބޮޑު ކާމިޔާބު ކަމެއް ހޯދި "ޑޫން" ފްރެންޗައިޒްގެ ބޮޑު ރޯލަކުން ވެސް އޭނާ ފެންނާނެއެވެ.

ޒެންޑެޔާގެ އެކްޓިން ކެރިއަރުން އެންމެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓަކީ އެޗްބީއޯގެ ޝޯ "ޔޫފޯރިއާ" އެވެ. ޔޫފޯރިއާއިން އޭނާގެ ފަރާތުން ފެނުނު ރޯލުން ވަނީ އެތައް ބައެއްގެ މަގުބޫލު ކަން ހޯދައި ކުޑަ ސްކްރީންގެ އެންމެ ޝަރަފުވެރި އެވޯޑު "އެމީ"ގެ އެންމެ މޮޅު އަންހެން އެކްޓަރުގެ އެވޯޑު ވެސް ހޯދާފައެވެ. ޖެހި ޖެހިގެން ދެ އަހަރު އެ އެވޯޑު ޒެންޑެޔާ ހޯދާފައިވާއިރު އެންމެ ގިނައިން އެ އެވޯޑު ލިބުނު އެންމެ ޒުވާން އެކްޓަރުގެ ރެކޯޑު މިހާރު އޮތީ ޒެންޑެޔާ އަތުގައެވެ.