24 Apr 2023, 21:53
ހދ. މަކުނުދޫގައި ތަރައްޤީކުރާ އެއާޕޯޓް، ހުޅުވާ ބޭނުން ކުރަން ފެށުމާ އެކު ރަށަށް އިގްތިސާދީ ބޫސްޓެއް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން މިރޭ ބުނެފިއެވެ.
މަކުނުދޫ ކައިރީގައި މީހުން ދިރިއުޅޭ ރަށްރަށް ނެތުމުން އެ ރަށް އޮންނަނީ ވަކިންނެވެ. އެހެންވެ، އެ ރަށުގައި ވަކިން ޑޮމެސްޓިކް އެއާޕޯޓެއް އަޅައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއާޕޯޓް މަޝްރޫއާ ގުޅިގެން އެ ރަށުގައި އިންވެސްޓް ކުރަން އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
"މަކުނުދޫ ފަރަކީ ވަރަށް 'ރިޗް' ވަރަށް ބޮޑު ފަރެއް. މިތަން ވަރަށް ބައިވަރު ގޮތްގޮތަށް ބޭނުން ކުރެވޭނެ. އެހެން ވީމަ ވަރަށް ގިނަ 'އިކޮނޮމިކް އޮޕޮޗުނިޓީ'ތައް އެބަހުރި. އަދި، ރަށުގެ އިކޮނޮމީއާ، މި ހުރިހާ ކަންތަކަށް ބަލާއިރު ސަރުކާރުން މި އަޅައިދޭ މި އެއާޕޯޓް ވެގެންދާނީ މަކުނުދޫއަށް އަންނަ އިކޮނޮމިކް ބޫސްޓަކަށް،" އައުޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައްޔިތުން މާ ކުރީއްސުރެ، ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި ފާހަގަ ކުރެއްވީ އެ ސަރަހައްދުގެ ކަނޑުތަކަކީ ވަރަށް ގަދަ ކަނޑުތަކަށްވެފައި ހުޅަނގު މޫސުމުގައި ފެރީގައި ދަތުރު ކުރުމުގައި ދަތިތަކެއް ދިމާވާތީއެވެ.
މަކުނުދޫއަށް ވަނީ މިހާރު އާރުޓީއެލްގެ ޚިދުމަތް ދޭން ފަށާފައިކަން ފާހަގަ ކުރައްވާ އައުޒަމް ވިދާޅުވީ އިރުވައި މޫސުމުގައި އާދަޔާ ޚިލާފަށް ކަނޑު ގަދަވާތީ އެ ދުވަސްވަރުގައި ފެރީގައި ދަތުރު ކުރުމަށް ހުރަސްތައް ދިމާވާ ކަމަށެވެ.
"މި ސަރަހައްދުގެ ކަނޑުތަކަކީ ދެ ފަރާތުން ބާނި ނަގާފައި އަންނަ ކަނޑެއް، އެހެންވީމަ ހުރިހާ ރައްޔިތުންގެ ވެސް އެންމެ ބޮޑު އުއްމީދަކީ މަކުނުދޫގައި އެެއާޕޯޓެއް އެޅުން،" އޭނާ ވިދާޅުވިއެވެ.
އައުޒަމް ވިދާޅުވީ އެއާޕޯޓުގެ ކުރެހުންތައް ޕްލޭނިން މިނިސްޓްރީން ނިންމާލައި ކައުންސިލަށް މިހާރު ފޮނުވާފައި ކަމަށާއި ދެން މަސައްކަތައް ކުރިއަށް ދާނީ މިނިސްޓްރީގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
އާބާދީގައި 1،889 މީހުން ތިބި މަކުނުދޫގައި އެއާޕޯޓް އެޅުމަށް ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައި ވަނީ 23.3 މިލިއަން ޑޮލަރެވެ.