ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ކުރާ ފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނެގުމަކީ މައްސަލައެއް ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި ޑިސެމްބަރު މަހު ފާސްކުރި ކުނި މެނޭޖުކުރުމުގެ ގާނޫނުގައިވާ ގޮތުން ކޮތަޅު ބޮނޑި ހޯލްސޭލް ރޭޓުގައި ގަތަސް، އެ ބޮނޑީގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ ފީ ދައްކަން ޖެހެއެވެ.

އެކަމާ ގުޅިގެން އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެން ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދެވެ.

މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮތަޅުން ފީ ނެގުމުގައި ހަގީގަތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އެއީ ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމުގައި މަދު ބަޔަކު ގަބޫލުކުރީ ސޯޝަލް މީޑިއާގައި ޖެހި ދެތިން ޕޯސްޓެއް ފެނިގެން ކަމަށެވެ.

"ދެ ތިން ސޯޝަލް މީޑިއާ ޕޯސްޓެއް ފެނިފައި ކުއްލިއަކަށް ކޮންމެވެސް ބޭފުޅުން ކޮޅެއް ކަންބޮޑުވެލައްވައިގެން މިކަމަށް އެޓެންޑް ކުރަން ޖެހޭ ކަމަށް ދެކެވަޑައިގެންނެވީ." ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އިންތިޚާބު ވެފައިވަނީ ޕްލާސްޓިކް މަދު ކުރުމަށް މަސައްކަތްތަކެއް ކުރަން ރައްޔިތުންގެ ގާތު ވައުދު ވެގެންކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް ކުރާ އިރު އެކަމާ މެދު ނުރުހުން ފާޅުކޮށް ހިތްހަމަ ނުޖެހޭ މީހުން ވެސް އުޅޭނެ ކަމަށެވެ.

ނަމަވެސް ކަމެއް ހުއްޓުވުމަށް އޮންނަ ދެ ގޮތަކީ އުގޫބާތެއް ކަނޑައެޅުމާއި، ޓެކްސް ނުވަތަ ފީ ނެގުން ކަމަށާއި، ޕްލާސްޓިކުގެ މައްސަލައިގައި ޓެކްސް ނަގައިގެން ހައްލެއް ގެނެވެން އޮތް އިރު، ބާޒާރަށް ދަމުން ކޮތަޅެއް ހިފައިގެން ދިޔުމަށް ރާއްޖޭގެ އެއްވެސް ރައްޔިތަކު އިންކާރު ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އެއީ ހަމައެކަނި ރާއްޖޭގައި ކުރާ ކަމެއް ނޫން ކަމަށާއި ކޮތަޅު ގިނަގިނައިން ބޭނުން ކުރުމަކީ ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމަށް ތަކުލީފަކަށް ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޕްލާސްޓިކް ކޮތަޅުން ފީއެއް ނަގަން ސަރުކާރުން ނިންމީ އެއީ އާންމު ދިރިއުޅުމުގެ ތެރޭގައި އުފެދޭ ޕްލާސްޓިކް ކުނި މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި އެންމެ ކާމިޔާބުކަމާއެކީ އަމަލުކުރާ އެއް ސިޔާސަތު ކަމަށްވެފައި، އެ ސިޔާސަތު ތަންފީޒުކޮށްފިނަމަ ރާއްޖޭގެ ޕްލާސްޓިކް ކުނީގެ މައްސަލައަށް ވެސް ހައްލެއް ލިބޭނެކަމަށް ދެކޭތީއެވެ.