އިދިކޮޅު ޕީޕީއެމްގެ އަސްލު ސައިޒް ދައްކާލުމަށް 'ކޮތަޅު'ގެ ނަމުގައި ޖަލްސާއެއް ބާއްވައި، އެ ޕާޓީން މެދުކަނޑާލާފައިވާ ސިޔާސީ ހަރަކާތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

ޕީޕީއެމްގެ ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ސިޔާސީ ހަރަކާތްތައް ރޯދަ މަހަށް މެދުކަނޑާލުމަށްފަހު ހަ ރޯދަ ނިމުމުން އަނެއްކާ ވެސް ފެށުމަށް ތާއްޔާރުވަމުން އަންނަ ކަމަށެވެ.

"ވަރަށް ބައިވަރު ކަންބޮޑުވުންތައް ހުރީމަ އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތައް ފަށާނީ މިކަހަލަ ޖަލްސާއަކުންނޭ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮތަޅުގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއަށް އެ ނަން ދީފައިވީ ނަމަވެސް، އެއީ ޕްލާސްޓިކް ކޮތަޅުން ފީ ނެގުމާ ބެހޭ މަޝްވަރާއަށް ޚާއްސަ ޖަލްސާއެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޖަލްސާގައި ޕީޕީއެމްގެ ލީޑާޝިޕުން ރައްޔިތުންނާ ވަރަށް ގިނަ މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ހަ ރޯދަ ނިމުނީމަ ޕީޕީއެމް އޭގެ ސައިޒްގަ ތެދުވާތަން ފެންނާނެ ދިވެހި ރައްޔިތުންނަށް. އެ ތެދުވާ ތެދުވުމުގަ ދެން އިށީންނާނީ އިރާދަކުރެއްވިއްޔާ ރައީސް [އަބްދުﷲ] ޔާމީން ރައީސް އޮފީހަށް ވައްދާފަ," އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ފަހުން އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް އޮތީ ފަށާފައެވެ. ނަމަވެސް އެހެނިހެން ސިޔާސީ ހަރަކާތްތައް އޮތީ ރޯދަ މަހަށް މެދުކަނޑާލާފައެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީގެ ގޮތުގައި ދެ ރުފިޔާ ނަގަން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ ފަށާފައެވެ.

ކޮތަޅުން ފީނެގުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވަނީ ފަށާފައެވެ.