24 Apr 2023, 15:03
ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދެ މިލިއަން ކޮތަޅު ގަނެ، އާއްމުންނަށް އަގުހެޔޮކޮށް ވިއްކަން ފަށާނެ ކަމަށް ވެމްކޯއިން މިއަދު ބުނެފިއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހުން ފެށިގެން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި އުކާލަން ވެސް ބޮޑު އަގުގައި ކޮތަޅު ގަންނަން ޖެހޭ ކަމުގެ ޝަކުވާ އާއްމުންދަނީ ކުރަމުންނެވެ.
އެކަން ހައްލުކުރުމުގެ ގޮތުން ވެމްކޯއިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ވެމްކޯގެ ސީނިއާ މާކެޓިން އެންޑް ޕީއާރު އޮފިސަރު މުހައްމަދު މިއުސަމް ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ދެ މިލިއަން ކޮތަޅު ގަނެ، އަގުހެޔޮކޮށް އާއްމުންނަށް ވިއްކަން ފަށާނެ ކަމަށެވެ. އެގޮތުން ވެމްކޯއިން ކޮތަޅު ގަންނާނީ ރާއްޖެއަށް ކުރިން އިމްޕޯޓް ކުރި ކޮތަޅުގެ އިމްޕޯޓް މަދުކޮށް ރާއްޖޭގައި މި މަސައްކަތް ފުޅާކޮށް ފެށި ކުންފުނި ކަމަށްވާ ލިސާ މޯލްޑިވްސް އިންނެވެ.
ނަމަވެސް ކޮތަޅު ވިއްކާ އަގުތައް އާއްމުކުރާނީ މިއަދުގެ ވަގުތެއްގައި ކަމަށް ވެމްކޯއިން މީގެ ކުރިން ވެސް ވަނީ ބުނެފައެވެ.
ކޮތަޅު ވިއްކުމާ ގުުޅޭ ގޮތުން ވެމްކޯއިން ރޭ ނެރުނު ބަޔާނުގައި ވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކުރެވިފައި ވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. އެއީ 11-17، 28-27، 36-48 އިންޗީގެ ކޮތަޅެވެ.
މިގޮތުގެމަތިން ކުނި އުކާލުމުގައި ކުނިވާޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި، ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި، ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.
ވެމްކޯއިން ބުނީ އެގޮތުން ތައާރަފުކުރެވޭ ކޮތަޅު އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވެމްކޯއިން ތައާރަފުކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ"އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.