ސައިކަލު ދުއްވަން ކަނޑައަޅާފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމުން މިދިޔަ އަހަރު 1162 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން "ސަން"އާ މައުލޫމާތު ހިއްސާ ކުރަމުން ބުނީ، މަގުމަތީގައި މީހުން ވެހިކަލް ދުއްވާ ގޮތް މޮނިޓާކުރާ ކަމަށެވެ. އެގޮތުން ވެހިކަލް ދުއްވުމުގައި ގަވައިދާ ޚިލާފަށް ދުއްވާ މީހުން ހުއްޓުވައި، އެމީހުންނަށް ނަސޭހަތްތެރިވެ އަދި ފިޔަވަޅު ވެސް އަޅާ ކަމަށެވެ.

ފުލުހުން "ސަން"އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު، ކަނޑައެޅިފައިވާ ދުވެއްޔަށްވުރެ ބާރަށް ދުއްވުމުގެ ސަބަބުން 1162 މީހަކަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ހަމަ އެއާއެކު މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ނުވަތަ ބިރުވެރިކަން އުފެދޭގޮތަށް ނުވަތަ ނުރައްކާތެރި ގޮތަކަށް ދުއްވުމުގެ ސަބަބުން 102 މީހަކަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ފިޔަވަޅު އަޅާފައެވެ.

ސައިލެންސަރު މޮޑިފައި ކޮށްގެން ދުއްވުމަކީ ރާއްޖޭގެ ގާނޫނުގައި ވެސް މަނާ ކޮށްފައިވާ ކަމެކެވެ. އެގޮތުން އެއްގަމު އުޅަނދު ދުއްވުމުގެ އާއްމު ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 21 ވަނަ މާއްދާގެ ދަށުން ސައިލެންސަރުން އަޑުގަދަކޮށްގެން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އުޅަނދަށް ބަދަލު ގެނެސްގެން އެއްގަމު އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.

މޮޑިފައިޑް ސައިލެންސަރު އަޅުވައިގެން މީހުން ސައިކަލު ދުއްވާ ކަމުގެ ޝަކުވާއަކީ ވަރަށް ކުރިންވެސް ކުރަމުން އަންނަ އާއްމު ޝަކުވާއެކެވެ.

ސައިލެންސަރު މައްސަލައިގައި މިދިޔަ އަހަރު ވަނީ 40 އުޅަނދެއް ޓޯކޮށްފައެވެ.

ފުލުހުން ވަނީ އާއްމުންގެ ރައްކާތެރިކަމަށް އަބަދުވެސް ވިސްނައިގެން މިފަދަ ކަންކަން މޮނިޓާ ކުރަމުންދާ ކަމަށް ބުނެފައެވެ.