ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަތުލިޔުމުގެ މުބާރާތުގައި 354 މީހުން ބައިވެރިވެފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ސަރުކާރުގެ 93 އިދާރާއަކުން ބައިވެރިވެފައިވާ ކަމަށެވެ.

"އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި. އެހެން އަހަރުތަކުގައި އާއްމުކޮށް 80 ނޫނީ 90 މީހުން ބައިވެރިވާނީ،" އޮފިޝަލް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ދިވެހިބަހުގެ ދުވަހާ ގުޅުވައިގެން އަތުލިޔުމުގެ މުބާރާތެއް އެކެޑަމީން ބާއްވައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން އިތުރުކުރުމެވެ. އަދި ރީތިކޮށް ތާނަ ލިޔާން ހިތްވަރުދީ، އަތުލިޔުން ރީތި މީހުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމެވެ.

އަތުލިޔުމުގެ މުބާރާތުން ހޮވާނީ އެންމެ ރީތި 10 ލިޔުމެކެވެ. މިއިން ކޮންމެ ލިޔުމަކަށް 500 ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީލިޔުން ދޭނެއެވެ. އަދި އެއްވަނައަށް ދާ އޮފީހަކަށް ތައްޓާއި ދެވަނަ އާއި ތިންވަނައަށް ދާ އޮފީހަކަށް ސެޓްފިކެޓާއި އިނާމްދޭނެއެވެ.