24 Apr 2023, 13:15
ސްޓޮކްހޮމް (24 އެޕްރީލް 2023): ދުނިޔޭގެ އަސްކަރީ ޚަރަދުތައް އާދަޔާ ޚިލާފަށް ބޮޑުވަމުންދާކަމަށް ސުލްހައާބެހޭ ދިރާސާ މަރުކަޒެއްކަމަށްވާ "ސްޓޮކްހޮމް އިންޓަނޭޝަނަލް ޕީސް ރީސާޗް އިންސްޓިޓިއުޓް (އެސްއައިޕީއާރުއައި) އިން ބުނެފިއެވެ.
މި އިންސްޓިއުޓުން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ބުނާގޮތުން 2022 ވަނަ އަހަރު ދުނިޔޭގެ ގައުމުތަކުން އަސްކަރީ ކަންކަމަށްކުރި ޚަރަދުތައްވަނީ 2.24 ޓްރިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ ދެވަނަ ބޮޑުހަނގުރާމައަށްފަހު އަސްކަރީ ޚަރަދުތައް އެންމެ މައްޗަށްދިޔަ ފަހަރުކަން އެރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
ނެދަލޭންޑްސްގައި މަރުކަޒު ހުންނަ "އެސްއައިޕީއާރުއައި" ގެ ރިޕޯޓްގައިވާގޮތުން މިދޔަ އަހަރު ދުނިޔޭގެ އަސްކަރީ ޚަރަދުތައް އާދަޔާ ޚިލާފަށް ބޮޑުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ރަޝިއާއިން ޔުކްރެއިން އާ ދެކޮޅަށްފެށި ހަނގުރާމައެވެ. އެހަނގުރާމަ ހުއްޓުމެއްނެތި އަދިވެސް ކުރިއަށްދާއިރު އެހަނގުރާމައަށް އެންމެ ބޮޑަށް ޚަރަދުކުރަނީ ރަޝިއާ، ޔުކްރެއިން އަދި ނޭޓޯގެ ގައުމުތަކުންނެވެ.
ދެހާސް ބާވީސް ވަނަ އަހަރު ދުނިޔޭގެ އަސްކަރީ ޚަރަދުތައް މަތިވެފައިވަނީ 3.7 އިންސައްތައިގެ ކުރިއެރުމަކުންނެވެ. މިވަރުގެ ކުރިއެރުމެއް ފާއިތުވި 70 ވަރަކަށް އަހަރުތެރޭގައިވެސް ދުނިޔޭގެ އަސްކަރީ ޚަރަދުތަކަށް އައިސްފައެއް ނުވެއެވެ.
ޔުކްރެއިން ހަނގުރާމައަށް ރަޝިއާ، ޔުކްރެއިން އަދި ނޭޓޯގެ ގައުމުތަކުން މިދިޔަ އަހަރު ގާތްގަނޑަކަށް 950 ބިލިޔަން ޑޮލަރުގެ މިންވަރެއް ޚަރަދުކޮށްފައިވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ރިޕޯޓް ބުނާގޮތުން ޔުކްރެއިން ހަނގުރާމައިގެ ބޭރުންވެސް މިދިޔައަހަރުވަނީ ދުނިޔޭގެ އަސްކަރީ ޚަރަދުތައް ބޮޑުވެފައެވެ. އޭގެތެރޭގައި ޓައިވާން އާއި ޗައިނާގެ އަސްކަރީ ހޭދަތައް އިތުރުވުމާއި ޖަޕާނުން އެގައުމުގެ ދިފާއީ ބަޖެޓް އާދަޔާ ޚިލާފަށް ބޮޑުކުރަން ނިންމި ނިންމުން ހިމެނެއެވެ.
އަނެއްކޮޅުން ޗައިނާއާ ވާދަކުރުމަށް ޓަކައި އޭޝިއާ ޕެސިފިކްގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ޚަރަދުތައްވެސް ފާއިތުވި އަހަރުވަނީ އިތުރުވެފައެވެ.
މެދުއިރުމައްޗަށް ބަލާއިރު މިދިޔަ އަހަރުވަނީ އަސްކަރީ ޚަރަދުތައް ކުޑަވެފައެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޔަމަން ހަނގުރާމައާއި އިރާގާއި ސޫރިޔާ އަދި ލީބިޔާގައި ހިނގާ ހަނގުރާމައިގެ އަމަލުތައް މައިތިރިވުން ހިމެނެއެވެ. މީގެއިތުރުން އެމެރިކާ 2021 ވަނައަހަރު އަފްޣާނިސްތާނުން ފޭބުމުން އެގައުމުގައި ހިނގާ ހަނގުރާމައިގެ އަމަލުތައްވެސްވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.