24 Apr 2023, 13:06
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނެވި ހާ ހިނދަކު، ރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދެއްވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައާ ގުޅިގެން ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ ހާމަކުރަން ގޮވާލާ މިއަދު ހުށަހެޅި ކުއްލި މައްސަލަ އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ސަރުކާރުން މޮރިޝަސްގެ މައްޗަށް ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ދޫކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ ސިޓީ ފުޅަކުން ކަމަށެވެ.
މި މައްސަލައަކީ ކުޑަ މައްސަލައެއްގެ ގޮތުގައި އެއްވެސް މެމްބަރަކު ފާހަގަނުކުރެއްވުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިނދެމެ އެއްވެސް މަޖިލީހުގެ ރައީސް އަކަށްވެސް މި މައްސަލައިގެން ބޮޑު ކަމާއި، މުހިންމު ކަމާއި، މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ މައްޗަށް މި މައްސަލަ ފެތުރިގެން ދާ ގޮތް އޮޅިފަކާ އެއް ނުވާނެ. އަޅުގަނޑަކަށްވެސް ނޯޅޭ. އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޔަގީންކަން އަރުވަން ބޭނުން، ދިވެހިރާއްޖޭގެ ސަރަހައްދުން އެއްވެސް ބައެއް އުނިވިޔަކަ މި މަޖިލީހަކުން ނުދޭނަން.ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމުގައި ގާނޫނުއަސާސީގެ ތިން ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އަދި، ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ ކަނޑުގަޔާއި ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި އަދި ދިރުމެއްނެތް ޠަބީޢީ އަގުހުރި ހުރިހާ އެއްޗެއް މިލްކުވެގެންވަނީ ދިވެހި ދައުލަތަށް ކަމަށް ގާނޫނުއަސާސީގެ 248 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ.
އެއަށް ރިއާޔަތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ކޮންމެ ބަޔަކާ އެއްބަސް ވީ ނަމަވެސް، އަދި ކޮންމެ ކޯޓަކުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ކުޑަ ކުރެވޭނީ މަޖިލީހުގެ މެމްބަރުން އެގޮތަށް އެއްބަސްވެ، އެކަން ކުރަން ފެންނަ ކަމުގައި ވަނީ ނަމަ އެކަނި ކަމަށެވެ.
"އޭގެ ކުރިއަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑު މިތާ އިންދަކާ، މި ދިވެހިރާއްޖޭގެ ސަރަހައްދުން އެންމެ ތަންފުކެއް ވެސް ގެއްލުނަ ނުދޭނަން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ނިންމުން ދިފާއުކޮށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެކުރިން ބުނެފައިވަނީ ޗާގޯސް މައްސަލައިގައި ކަމާބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާއި ގާނޫނީ އުސޫލުތަކާއި ނިންމުންތަކުގައިވާ ގޮތުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް އެންމެ ފުރިހަމައަށް ދިފާއުކޮށްފައިވާނެ ކަމަށެވެ.
އަދި ދިވެހި ގައުމުގެ ސިޔާދަތަށް ނުރައްކާވާފަދަ ގޮތަކަށް މި ސަރުކާރަކުން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނޭ ކަމަށާއި، ދެންވެސް، އެފަދަ ގެއްލުމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ކަނޑުގެ ސަރަހައްދުން ރާއްޖެއަށް ލިބެންޖެހޭ ބައިން އެންމެ ތަންކޮޅެއް ވެސް ދޫކޮށްލުމުގެ ވިސްނުން ސަރުކާރުގެ ނެތް ނަމަވެސް ޗާގޯސްގެ މިނިވަންކަމާމެދު ރާއްޖޭގެ ނިންމުން ބަދަލުކޮށްގެން ލިބޭނެ އެއްވެސް ގެއްލުމެއް ނެތް ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.
އެގޮތުން ރާއްޖެ އަކީ އަބަދުވެސް ޑީ ކޮލަނައިޒޭޝަނާ ދެކޮޅު ގައުމަކަށް ވީ ހިނދު ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުމުން ލިބޭ ފައިދާ އަކީ އެ ޕްރިންސިލް ދެމެހެއްޓުން ކަމަށާއި، އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ ގައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށްވެސް ބުނެފައިވެއެވެ.