24 Apr 2023, 13:15
ވޮޝިންޓަން (24 އެޕްރީލް 2023): އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާން ގަސްދުކުރާކަން ހާމަކުރައްވާފައި ވަނިކޮށް އެމެރިކާގެ ރައްޔިތުންގެ މެދުގައި އޭނާއަށް ތާއީދު ކުޑަކަން ޚިޔާލު ހޯދުމުގެ ސާވޭ އަކުން ހާމަވެއްޖެއެވެ.
އެސޯސިއޭޓް ޕްރެސް އިން ކުރި އާންމުންގެ ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން ބައިޑެން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ މެދުގައިވެސް އޭނާގެ މަގްބޫލުކަން ވަރަށް ދަށެވެ. ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބައިޑެންގެ މަގްބޫލުކަން 47 އިންސައްތާގައި އުޅޭއިރު އެމެރިކާގެ އާންމުންގެ މެދުގައި އޭނާގެ މަގްބޫލުކަން އުޅެނީ 46 އިންސައްތައަށްވުރެވެސް ދަށުގައެވެ.
އެމެރިކާއަކީ ދެޕާޓީގެ ޑިމޮކްރަސީ އެއް އޮންނަ ގައުމެކެވެ. އެހެންކަމުން ޑިމޮކްރެޓިކް ޕާޓީން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ބައިޑެން ރަސްމީކޮށް ހަމަޖައްސައިފިނަމަ އެޕާޓީގެ އާންމު މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ އާންމުންގެ ގިނަ ބައެއްގެ ތާއީދު އޮޓަމެޓިކުން ބައިޑެން އަށް ލިބޭނެކަމީ ގާތްގަނޑަކަށް ޔަގީންކަމެކެވެ. ނަމަވެސް ހަމައެކަނި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ މީހުންގެ ވޯޓު ލިބިގެން އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރުމަކީ ބައިޑެންއަށް ކުރެވޭނެ ކަމެއްނޫނެވެ.
ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާން ގަސްދުކުރާކަން ބައިޑެން ހާމަކުރެއްވިނަމަވެސް އޭނާ ނިސްބަތްވާ އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ރުހުން އެކަމުގައި ލިބުނުކަން އަދި އިއުލާނެއް ނުކުރެއެވެ.
އެސޯސިއޭޓް ޕްރެސްއިން ކުރި ޚިޔާލު ހޯދުމުގެ ސާވޭއިން ހާމަވިގޮތުގައި ބައިޑެންއަށް ގިނަ ބަޔަކު ތާއީދު ނުކުރަނީ އޭނާގެ އުމުރުމަތިވެފައި އެމެރިކާފަދަ ބޮޑު ގައުމެއް ލީޑުކުރަން ސިއްހީގޮތުންނާއި ބުއްދީގެ ގޮތުން އޭނާ ކުފޫ ހަމަނުވާކަމަށް ބެލެވިގެންނެވެ. ކުރިއާ ޚިލާފަށް އެމެރިކާއަށް ޖިއޮޕޮލިޓިކަލް ގޮތުން މިހާރުވަނީ ޗައިނާއާއި ރަޝިއާއާ ވާދަކުރަންޖެހިފައެވެ.
ރަޝިއާ ޔުކްރެއިން އާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެމެރިކާ ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވުމަށް އެމެރިކާ ތަކުރާރުކޮށް އެދުމުންވެސް އެކަމުގައި ދުނިޔޭގެ މަދު ގައުމުތަކެއް ނޫނީ ބައިވެރިނުވުމަކީ ދުނިޔޭގައިވާ އެމެރިކާގެ ބާރާއި ނުފޫޒަށް ލޮޅުން އަރާފައިވާ މިންވަރު ވަރަށް ބޮޑަށް ހާމަވިކަމެކެވެ. އެމެރިކާގެ ސޮފްޓް ޕަވާ ކުޑަވެފައިވާކަން ހާމަވިކަމެކެވެ.
ޗައިނާ ޑިޕްލޮމެޓިކް ގޮތުންނާއި އަސްކަރީގޮތުންނާއި އިގްތިސާދީ ގޮތުން ދުނިޔޭގެ މަސްރަހަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ނިކުމެފައިވުމާއި އެމެރިކާގެ މައިގަނޑު މާލީ ބާރުކަމަށްވާ ޑޮލަރުގެ ބާރު ކަނޑުވާލަން ބްރިކްސްގެ ގައުމުތައް ފާޅުކަންބޮޑުގޮތެއްގައި މަސައްކަތް ފަށާފައިވުމަކީ ފަހުގެ ތާރީޚެއް އެމެރިކާއަށް ކުރިމަތިވެފައި ނުވާވަރުގެ ބޮޑެތި ގޮންޖެހުންތަކެކެވެ.
މިވަރުގެ ގޮންޖެހުންބޮޑު ދުނިޔެއެއްގައި ބައިޑެންފަދަ އުމުރުން ދުވަސްވީ ބޭފުޅަކަށް އެމެރިކާ ލީޑު ނުކުރެވޭނެ ކަމުގެ ކަންބޮޑުވުން އެމެރިކާގެ ގިނަ ބަޔަކު އިހުސާސްކުރާކަން މިސާވޭން ވަނީ ހާމަވެފައެވެ.
އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބު ފެށޭއިރު ބައިޑަންއަށް 82 އަހަރު ފުރޭނެއެވެ. ދެވަނަ ޓާމެއް ފުރިހަކުރެވޭ ގޮތް ވެއްޖެނަމަ އެޓާމުގެ ފަހުއަހަރު އޭނާއަށް 86 އަހަރު ފުރޭނެއެވެ. މިއީ އެމެރިކާއަށް ބަލާއިރުވެސް ވަރަށް ދޮށީ އުމުރެކެވެ.
އަނެއްކޮޅުން މިހާރުވެސް ބައިޑެންއަށްވަނީ ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެފައެވެ. ވަރަށް ގިނަ ފަހަރު އެކިނަންތައް ހަނދާން ނެތުމާއި ނަންތައް ނުބައިކޮށް ކިޔޭ މައްސަލަ ނޫސްކޮންފަރެންސްތަކުގައި ބައިޑެން އަށް ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން ބުއްދީގެގޮތުންނާއި ހަނދާނުގެ ގޮތުން އޭނާ ފިޓް ނޫންކަން ދަނީ ހާމަވަމުންނެވެ.