ވ. ކެޔޮދޫ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލައިފިއެވެ.

ކެޔޮދޫ ކައުންސިލްގެ ރައީސް އަހްމަދު ސިރާޖު މިއަދު "ސަން"އަށް ވިދާޅުވީ މިއީ އެ ރަށު މިސްކިތުގައި ހުރި ޚަތިމުތައް ވީދާލި ދެވަނަ ފަހަރު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް ވަނީ އެ ރަށު މިސްކިތުގައި އޮތް 10 ވަރަކަށް ހަތިމު ވީދައިލައިފައެވެ.

އޭގެ ފަހުން، ހޮނިހިރު ދުވަހުގެ ރޭ އަނެއްކާ ވެސް އެ ރަށު މިސްކިތުގައި އޮތް 20 ވަރަކަށް ޚަތިމު ވީދައިލައިފައިވާކަމަށް ސިރާޖު ވިދާޅުވިއެވެ.

"ކޮންމެ ޚަތިމަކުން ވެސް ހައެއްކަ ގަނޑު ވީދާލާފަ ހުންނަނީ. ކަނޑައެއް ނުލާ ގަނޑެއް،" ސިރާޖު ވިދާޅުވިއެވެ.

މި ކަމުގެ ތުހުމަތު ކުރެވޭ ވަކި ބަޔަކު ނެތް ކަމަށާއި މިއީ ކޮން މަގުސަދެއްގައި ބަޔަކު މީހުން ކުރާ ކަމެއްކަން ވެސް ނޭނގޭ ކަމަށް ސިރާޖު ވިދާާޅުވިއެވެ.

މި މައްސަލަ ދެ ފަހަރު ވެސް ފުލުހަށް ހުށަހަޅައިފައިވާއިރު މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.