24 Apr 2023, 10:26
ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެއާޕޯޓް ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިމިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އެ އެއާޕޯޓުގައި މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތަކެވެ.
އަލިފުށީ އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ޖަނަވަރީ މަހު ވިދާޅުވީ އެ ރަށު އެއާޕޯޓަށް މި އަހަރު ފްލައިޓް ޖެއްސުމުގެ އުންމީދު އެބައޮތް ކަމަށެވެ.
އަލިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރު ކުރެވޭއިރު، އެ ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެއް ކަން އެމްޓީސީސީން ފާހަގަކުރެއެވެ. އެހެންކަމުން، 451 މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިމިގެންދާއިރު އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ، 109 ހެކްޓަރުގެ ބޮޑު ރަށަކަށް އަލިފުށި ބަދަލުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. އެގޮތުން 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާ ކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.