ބޮލީވުޑްގެ ހުނަރުވެރި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހޮލީވުޑްގެ ފިލްމު ކުންފުންޏަކާއެކު މަސައްކަތްކުރުމަށް ސޮއިކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހިންދީ ސިނަމާގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސޮއިކޮށްފައިވަނީ ހޮލީވުޑްގެ އެޖެންސީ ޑަބްލިޔު އެމްއީ (ވިލިއަމް މޮރިސް އެންޑޭވޯ) ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަންޖޭ ސޮއިކޮށްފައިވާ މިކުންފުންޏަކީ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރުންކަމަށްވާ ބެން އެފްލެކް، ޖެސިކާ އަލްބާ، ކްރިސްޓިއަން ބްލޭކް އަދި މެޓް ޑެމޮންފަދަ ތަރިން ތަމްސީލުކުރާ ކުންފުންޏެކެވެ.

ސަންޖޭ ލީލާ ބަންސާލީ ހޮލީވުޑްގެ ކުންފުންޏަކާއެކު މަސައްކަތްކުރަން ނިންމި ޚަބަރު ފެންމަތިވެފައިވަނީ ސަންޖޭގެ ކާމިޔާބު ފިލްމު "ގަންގޫބާއި"އަށް ބައިނަލް އަޤްވާމީ އެވޯޑް ކެމްޕޭނެއްގައި ފިލްމު ބައިވެރިކުރިކަމުގެ އަޑުތަކާއެކުއެވެ. ބަތަލާ އާލިއާ ބަޓް ލީޑް ރޯލް ކުޅުނު މި ފިލްމު ވަނީ ބާލިންގް ފިލްމު ފެސްޓިވަލުގައި ވެސް ޕްރިމިއާކޮށްފައެވެ.

މީގެ ކުރިންވެސް ސަންޖޭގެ ފިލްމުތަކަށް ވަނީ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަމާލުކަން ލިބިފައެވެ. އޭގެތެރޭގައި ފިލްމު "ދޭވްދާސް" ހިމެނެއެވެ. ސަންޖޭ ހޮލީވުޑްއިން މި ލިބުނު ފުރުސަތާއެކު މިއީ ހިންދީ ސިނަމާގައި މަސައްކަތްކުރާ ކޮންމެ ޕްރޮޑިއުސަރަކަށް ވެސް ލިބިގެންދާނެ ޝަރަފެކެވެ. ސަންޖޭގެ ކޮންމެ އުފެއްދުމަކީ ވެސް ފިލްމު ރީތިވެފައި ފިލްމުގެ ވާހަކައިގެ ކޮލިޓީއާމެދު ބެލުންތެރިންގެ ހިތުގައި ޝައްކެއް ނޯންނަ އުފެއްދުންތަކެކެވެ.

ސަންޖޭ މިވަގުތު ހުރިހާ ވަގުތެއް ހުސްކޮށްފައިވަނީ ނެޓްފްލިކްސްއާއި ގުޅިގެން ގެނެސްދޭ ވެބް ސީރީސް "ހީރާމަންޑީ"އަށެވެ. މިވެބް ސީރީސްގެ ފުރަތަމަ ޓީޒާ އާއްމުކޮށްފައިވާއިރު މިއީ ބެލުންތެރިން އެންމެ އިންތިޒާރުކުރާ އެއް ވެބް ސީރީސްއެވެ.

ސަންޖޭގެ އިތުރުން ހޮލީވުޑްއިން ފުރުސަތު ލިބުނުކަމަށް ދާދިފަހުން ރިޕޯޓުކޮށްފައިވާ އަނެއް ޕްރޮޑިއުސަރަކީ، ފުރަތަމަ ފަހަރަށް އިންޑިއާއަށް އޮސްކާ އެވޯޑް ކާމިޔާބުކޮށްދިން ޑައިރެކްޓަރު އެސް އެސް ރާޖާ މޮލީއެވެ. ފިލްމު "ބާހުބަލީ"ގެ މޭސްތިރިކަމަށްވާ ރާޖާ މޮލީ ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ސީއޭއޭ އެޖެންސީއަށެވެ. މީގެއިތުރުން "އާރްއާރްއާރް"ގެ ދެ އެކްޓަރުންކަމަށްވާ ރާމް ޗަރަން އަދި ޖޫނިއާ އެންޓީއާރްއަށް ހޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބެމުން އަންނަކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ.