ސޯޝަލް މީޑިއާ ޓްރޯލިންގްއަކީ އޭގެ ސަބަބުން ދިރިއުޅުމަށް ނޭދެވޭ އަސަރު އެކިގޮތްގޮތަށް ކުރާކަމެއްކަމަށް އެކްޓަރު ސުނިލް ޝެޓީ ބުނެފިއެވެ.

ފިލްމީތަރިންގެ އިންޓަވިއު ގެނެސްދޭ ޕޮޑްކާސްޓް ދަ ރަންވީރު ޝޯވްގައި ވާހަކަދައްކަމުން ސުނިލް ޝެޓީ ބުނީ ޒަމާނަށް އައި ބަދަލުތަކާއެކު ސޯޝަލް މީޑިއާގައި އެއްވެސް މީހަކަށް އަމިއްލަ މިނިވަންކަމެއް ނެތްކަމަށެވެ. ހާއްސަކޮށް ފިލްމީ ތަރިންގެ 'ޕްރައިވެސީ' ގެއްލިފައިވާކަމަށް 90އިގެ އަހަރުތެރޭ ބޮޑު މަގުބޫލުކަމެއް ހޯދި އެކްޓަރު ވަނީ ބުނެފައެވެ.

ސުނިލް ޝެޓީ ބުނެފައިވަނީ ބައެއްފަހަރު އާއްމުންގެތެރޭ ނުވަތަ ސޯޝަލް މީޑިއާގައި އެއްޗެއް ބުނަންވެސް މިހާރު ޖެހިލުންވާކަމުގައެވެ. ސަބަބަކީ ބުނެވޭ އެންމެ ޖުމްލައެއް ވެސް ތަފާތު އެކި މީޑިއަމްތަކުގައި ފަނަރަ ގޮތަށް ބަދަލުކޮށްގެން ގެނެސްނުދޭނެކަމުގެ ޔަގީންކަމެއް ނޯންނާތީވެ ޖެހިލުންވާ ކަމަށެވެ.

ބައެއް ފަހަރު ޖަވާބު ދޭއިރު ވަރަށް ޑިޕްލޮމެޓިކްކޮށް ޖަވާބު ދޭންވެސް މަޖުބޫރުވާކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ. ސޯޝަލް މީޑިއާ ޓްރޯލިންގްތަކުގައި ސުނިލް ޝެޓީގެ އާއިލާއަށާއި ހާއްސަކޮށް އަންހެން ދަރިފުޅު އަތިޔާ ޝެޓީއަށް ނިސްބަތްކޮށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކޮށްފައިވާކަން ސުނިލް ޝެޓީ ވަނީ މި އިންޓަވިއުގައި ފާހަގަކޮށްފައެވެ.

އެކަމާ ވަރަށް ހިތާމަކުރިކަމަށާއި ބައްޕައެއްގެ ހައިސިއްޔަތުން ވަރަށް ދެރަވިކަމަށް ވެސް ސުނިލް ވަނީ ބުނެފައެވެ. ސުނިލް ޝެޓީއަކީ ވަރަށް އާދައިގެ އާއިލާއަކުން ފިލްމީ ދާއިރާއަށް ނުކުތް ފަރާތެއްކަމަށް ބުނަމުން އެކްޓަރު ބުނެފައިވަނީ އެފަދަ ޓްރޯލިންގް ނުވަތަ ފާޑުކިޔުންތަކުން އާއިލާ ހިމާޔަތްކުރުމަށް ކުރެވެންއޮތް މަސައްކަތެއް އަބަދުވެސް ކުރާނެ ކަމަށެވެ.

ފިލްމު "ދިލްވާލޭ"، "ޓައްކަރު"، "މޮހޮރާ"، "ދަޅްކަން" އަދި "ހޭރާ ޕޭރީ"އަކީ ސުނިލް ޝެޓީގެ ފިލްމީ ކެރިއަރުން ފާހަގަކޮށްލެވޭ މަދު ފިލްމުތަކުގެ ނަމެވެ. މި ނޫނަސް ސުނިލް ޝެޓީ ވަނީ ރީތި ހިންދީ ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައެވެ. ސުނިލް އަންނަނީ "އޮޕަރޭޝަން ފްރައިޑޭ"ގެ ނަމުގައި ޒީ5އިން އުފައްދާ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. ފިލްމީ ކެރިއަރުގައި ރީތި ފިލްމުތައް ގެނެސްދިން އެކްޓަރުގެ ދެ ކުދިން ވެސް ވަނީ ބޮލީވުޑަށް ނިކުމެފައެވެ.

އޭގެތެރެއިން އަންހެން ދަރިފުޅު އަތިޔާ ޝެޓީގެ ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު މަގުބޫލުކަމެއް ލިބިފައިނުވާއިރު ފިރިހެން ދަރިފުޅު އަހްޔާން ޝެޓީގެ އަލަތު ފިލްމު "ތަޅަޕް"އަށް ކްރިޓިކުން ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ.