24 Apr 2023, 09:25
މަޝްހޫރު ޒީ އެންޓަޓެއިންމެންޓްގެ ސްޓްރީމިންގް ޕްލެޓްފޯމް ޒީ5އިން އުފައްދާ ފިލްމަކުން މަނޯޖް ބަޖްޕައީއަށް ފުރުސަތު ލިބިއްޖެއެވެ.
"ބަންދާ" ނަމުގައި ޒީ5އިން ޕްރޮޑިއުސްކުރާ މިފިލްމަކީ، ހަޤީޤީ ޙަދިސާތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާ ކޯޓް ރޫމް ޑްރާމާ ފިލްމެކެވެ. ވިނޯދު ބަނޫޝާލީ ޕްރޮޑިއުސްކޮށް ޒީ ސްޓޫޑިއޯއާއި ސުޕަން ވަރްމާ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ ޒީ5އިންނެވެ.
އިންޑިއާގެ އެންމެ ޝަރަފްވެރި އެއް އެވޯޑްކަމަށްވާ ޕަދްމާ ޝްރީ އަދި ޤައުމީ އެވޯޑް ހޯދާފައިވާ އެކްޓަރު މަނޯޖްއަކީ މީގެކުރިންވެސް ވެބް ސީރީސްއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރެކެވެ. އެމޭޒަން ޕްރައިމްގެ "ދަ ފެމިލީ މޭން"ގެ ކާމިޔާބީއަށްފަހު އޭނާ ވަނީ މީގެ ކުރިން ވެސް ޒީ5އާއެކު މަސައްކަތް ކޮށްފައެވެ.
ފިލްމު "ބަންދާ" ވެގެންދާނީ ޒީ5އާއެކު މަނޯޖް މަސައްކަތްކުރާ ތިންވަނަ ފިލްމަށެވެ. މީގެކުރިން މަނޯޖްވަނީ "ސައިލެންސް... ކޭންޔޫ ހިޔަ އިޓް؟" އަދި "ޑައިލް100"ގެ ނަމުގައި ޒީ5އިން އުފެއްދި ފިލްމު ޕްރޮޖެކްޓްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ. މި ދެ ފިލްމަކީވެސް ވަރަށް ކާމިޔާބުކަމާއެކު ބެލުންތެރިންގެ މެދުގައި ހިނގި ފިލްމުތަކެކެވެ. ފިލްމު "ބަންދާ"ގައި މަނޯޖް ކުޅެން ހަމަޖެހިފައިވަނީ އިންސާފު ހޯދައިދިނުމަށް ވަކާލާތުކުރާ ތެދުވެރި ވަކީލެއްގެ ރޯލްއެވެ.
ފިލްމަށް ސޮއިކުރި ޚަބަރު އަމިއްލަ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ސަޕޯޓަރުންނާ ހިއްސާކުރަމުން މަނޯޖް ބުނެފައިވަނީ ޒީ5އާއެކު މި ލިބުނު ފުރުސަތާއެކު ފިލްމު ފެށޭނެ ދުވަހަކަށް އިންތިޒާރު ކުރާ ކަމުގައެވެ. ފިލްމު "ޒުބޭދާ"، "ގޭންގް އޮފް ވަސޭޕޫރް" އަދި "ޝޫޓް އައުޓް އެޓް ވަޑާލާ"ފަދަ ފިލްމުތަކަކީ މަނޯޖްގެ ދިގު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭ ފިލްމުތަކެވެ. މަނޯޖް އެންމެފަހުން ކުޅުނީ ޑިޒްނީ ހޮޓް ސްޓާގައި ދާދިފަހުން ޕްރިމިއާކުރި ފިލްމު "ގުލްމޯހަރް"އެވެ. މިފިލްމުގައި މަނޯޖްއާއެކު ކުރީގެ ބަތަލާ ޝަރްމިލާ ޓޭގަރު ވެސް ވަނީ ފެނިފައެވެ.