23 Apr 2023, 23:41
ސްޕެނިޝް ލަލީގާގައި ޕޮއިންޓުތަކެއް ގެއްލުވާލުމަށްފަހު، ބާސެލޯނާ އިން އެތުލެޓިކޯ މެޑްރިޑް އަތުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ބާސާގެ އަމިއްލަ ދަނޑު، ކޭމްޕް ނޯއަށް އެޓީމު މިރޭ ނުކުތީ އެންމެ ފަހުން ކުޅުނު ދެ މެޗުން ޕޮއިންޓުތަކެއް ގެއްލުވާލުމަށްފަހުއެވެ. ބާސާއަށް ޕޮއިންޓުތަކެއް ގެއްލިގެންދިޔައީ ލީގު ތާވަލުގެ އެއްވަނައިގައި ބޮޑު ފަރަގެއްގައި އޮއްވައެވެ.
ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ބޮޑު ތަފާތަކުން ވާދަވެރި ރެއާލް މެޑްރިޑް އަތުން ބަލިވި މެޗަށްފަހު، ލީގުގައި ބާސާއަށް ވަނީ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ރެއާލް މެޑްރިޑް މެޗަށްފަހު ލީގުގައި ގިރޯނާ އަދި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު ވެސް ނިންމާލަން ޖެހުނީ ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު ވެސް އޮތް ބާސާ އިން މިރޭ ނުކުތީ ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެ މެޗުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާ މޮޅުވި ނަމަވެސް، މިރޭގެ މެޗުގައި ވެސް ބާސާގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ އަތުން ވަނީ ގިނަ ފުރުސަތުތަކެއް ބޭކާރުވެފައެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސާގެ ފޯވަޑް ލެވަންޑޯސްކޯ -- ފޮޓޯ/ ގެޓީ
މެޗު ފެށިގެން މިނެޓެއް ނުވަނީސް، އެތުލެޓިކޯއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ސާޖިއޯ ބުސްކެޓްސް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ތޯމަސް ލެމާ ދިން ބޯޅައަކުން ބާސާގެ ކުރީގެ ފޯވަޑް އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ބާސާ އިން ވަނީ ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ރަފީނިއާ ދިން ބޯޅައަކުން ބާސާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެއިން ފޯވަޑް ފެރާން ޓޮރޭސްއެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް، ލީޑު ފުޅާކޮށްލުމަށް ބާސާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަލެހަންޑްރޯ ބަލްޑޭ ދިން ބޯޅައަކުން ލެވަންޑޯސްކީ ފޮނުވާލި އެ ހަމަލާ، އެތުލެޓިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ވެސް ލެވަންޑޯސްކީއަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެރިކް ގާސިއާ ދިން ބޯޅައަކުން ހުސްކޮށް ހުރެ، ލެވަންޑޯސްކޯ ފޮނުވާލި އެ ހަމަލާ ވެސް އެތުލެޓިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
އެ ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި ބާސާ މިވަގުތު އޮތީ 11 ޕޮއިންޓުގެ ލީޑެއްގައެވެ. ބާސާއަށް 30 މެޗުން 76 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް އެތުލެޓިކޯއަށް 30 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.