23 Apr 2023, 22:56
ޕްރިމިއާ ލީގުގައި 21 މިނެޓުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ކޮޅަށް ނިއުކާސަލް ޔުނައިޓެޑުން ފަސް ގޯލު ޖަހައިފިއެވެ.
ނިއުކާސަލްގެ ދަނޑަށް ޓޮޓެންހަމުން މިރޭ ނުކުތީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރާ އުންމީދު އާކުރުމަށެވެ. މިރޭގެ މެޗުން މޮޅުވި ނަމަ، ޓޮޓެންހަމަށް ނިއުކާސަލްއާ ޕޮއިންޓުގެ ގޮތުން އެއްވަރު ވެސް ކޮށްލެވުނީހެވެ. ޓޮޓެންހަމަށް މެޗު ނިންމާލަން ޖެހުނީ 6-1 ގެ ނަތީޖާއަކުން ނިއުކާސަލް އަތުން ބަލިވެގެންނެވެ.
ޓޮޓެންހަމުން އުންމީދު އާކުރުމަށް ނުކުތް ނަމަވެސް، ނިއުކާސަލް ފެނުނީ ވަރަށް ވަރުގަދަކޮށެވެ. ފްރާންސްގެ ގައުމީ ކެޕްޓަންގެ ގޮތުގައި ހުރެ، ދާދިފަހުން ގައުމީ ޓީމަށް ކުޅުން ހުއްޓާާލި ލޮރިސްއަށް ގިނައިން ޖެހުނީ އަމިއްލަ ގޯލުގެ ތެރެއިން ބޯޅަ ހޮވާށެވެ.
އެ ކުޅުމާ ގުޅިގެން ފްރާންސަށް ވޯލްޑް ކަޕް 2018 ހޯދައިދިން ކެޕްޓަން ލޮރިސް ވަނީ ދެވަނަ ހާފަށް ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ދެވަނަ ހާފުގައި ޓޮޓެންހަމްގެ ގޯލު ބެލެހެއްޓީ ފްރޭސާ ފޯސްޓާއެވެ.
ފުރަތަމަ ހާފުގައި އެކަނިވެސް ނިއުކާސަލުން ވަނީ ޓޮޓެންހަމް ކޮޅަށް ފަސް ގޯލު ޖަހައިފައެވެ. ނިއުކާސަލުން އެ ފަސް ގޯލު ޖަހާފައިވަނީ މެޗުގެ ފުރަތަމަ 21 މިނެޓުގެ ތެރޭގައެވެ. ނިއުކާސަލުން ވަނީ މެޗުގެ ދެވަނަ މިނެޓުން ފެށިގެން ގޯލުތައް ޖަހަން ފަށައިފައެވެ. އެގޮތުން ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ވެސް ތިން ގޯލު ޖެހިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށްފަހު ނިއުކާސަލްގެ ޖެކޮބް މާފީ އުފާފާޅުކުރަނީ -- ފޮޓޯ/ ގެޓީ
ފުރަތަމަ ހާފުގައި ނިއުކާސަލުން ޖެހި ފަސް ގޯލު ކާމިޔާބުކޮށްދިނީ ޖެކޮބް މާފީ އާއި ޖޮއެލިންޓަން އަދި އެލެކްސެންޑާ އިސާކްއެވެ. އޭގެ ތެރެއިން މާފީ އަދި އިސާކް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ ގޯލެއް ފެނިގެންދިޔައެވެ. ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުފަހުން ޓޮޓެންހަމަަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ހެރީ ކޭންއެވެ. ނަމަވެސް މެޗުގެ 67 ވަނަ މިނެޓުގައި ނިއުކާސަލުން ވަނީ އެޓީމުގެ ހަވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ނިއުކާސަލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެލަމް ވިލްސަންއެވެ.
އުމުރުން 36 އަހަރުގެ ކީޕަރު ލޮރިސް، ޓޮޓެންހަމަށް ކުޅެމުންދާތާ މިހާރު ދިހަ އަހަރު ވެއްޖެއެވެ. އެކްލަބުގެ ކެޕްޓަން ބޭންޑު އަޅައިގެން ލޮރިސް ކުޅެމުންދާތާ ވެސް އަހަރުތަކެއް ވެއްޖެއެވެ. ޓޮޓެންހަމްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވާން ދެން އޮތީ އަހަރެއްހާ ދުވަހެވެ.
މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު ނިއުކާސަލުން ވަނީ ލީގު ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ނިއުކާސަލާއި ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 59 ޕޮއިންޓެވެ. ފައިދާ ގޯލުގެ ތަފާތުން ނިއުކާސަލް ކުރީގައި އޮތް ނަމަވެސް، އެޓީމުން ވަނީ ޔުނައިޓެޑަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ނިއުކާސަލުން ކުޅުނީ 31 މެޗެވެ. އަދި މިހާތަނަށް ޔުނައިޓެޑުން ކުޅެފައިވަނީ 30 މެޗެވެ.
ލީގު ތާވަލުގެ ފަސްވަނައިގައި އޮތް ޓޮޓެންހަމަށް 32 މެޗުން ލިބިފައިވަނީ 53 ޕޮއިންޓެވެ. ފަހަކަށް އައިސް ޓޮޓެންހަމްގެ ކުޅުން ދަށްވެ, ގިނަ މެޗުތަކެއްގައި ޕޮއިންޓުތައް ގެއްލެމުންދެއެވެ.