މި މަހުގެ 27، ވަނަ ދުވަހުން ފެށިގެން ޑަސްބިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބުނެފިއެވެ.

ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކުރެވިފައި ވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. އެއީ 11-17، 28-27، 36-48 އިންޗީގެ ކޮތަޅެވެ.

މިގޮތުގެމަތިން ކުނި އުކާލުމުގައި ކުނިވާޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި، ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި، ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފައެވެ.

ވެމްކޯއިން ބުނީ އެގޮތުން ތައާރަފްކުރެވޭ ކޮތަޅު އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސް ތަކުން، މިމަހުގެ 27 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ވެމްކޯއިން އިތުރަށް ބުނީ ކޮތަޅު ވިއްކާނެ އަގުތަކާއި އެކަމާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އާއްމު ކުރާނެ ކަމަށެވެ.

މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ދެ ރުފިޔާ ނަގާގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނާ" އިން ފީ ނަގަން ނުޖެހޭގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.