މިހާރު އަޅުވަމުންދާ އެންމެ މަގުބޫލު ބިރުވެރި ޝޯ ކަމަށްވާ "އެމެރިކަން ހޮރޯ ސްޓޯރީ" އަށް ރިއެލިޓީ ތަރި ކިމް ކާޑޭޝިއަން ކާސްޓު ކޮށްފިއެވެ.

ރާޔަން މާފީގެ މަގުބޫލު އެންތޮލޮޖީ ޝޯ ކަމަށްވާ އެމެރިކަން ހޮރޯ ސްޓޯރީ އަކީ އެތައް އަަހަރެއް ވަންދެއް ތަފާތު ޕްލޮޓުތަކާއެކު ބެލުންތެރިންް ސިއްސުވާލައި ބިރުގަންނަވަމުން އަންނަ ޝޯއެކެވެ. ވަރުގަދަ ބޮޑެތި ފަންނާނުން ޝޯއިން ފެނިގެންދާއިރު ޝޯގެ ސީޒަނަކުން މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ވެސް ވަނީ ފެނިގެން ގޮސްފައެވެ.

ޝޯގެ ފަސް ވަނަ ސީޒަނަށް ގާގާ ކާސްޓުކޮށްފައިވަނީ ލީޑު ރޯލަކަށެވެ. އެއާއެކު ޝޯއަށް އޮތް މަގުބޫލުކަން އިތުރަށް ބޮޑުވެގެން ދިޔައެވެ.

މިފަހަރު އިންޓަނެޓްގެ އެންމެ ބޮޑު ނަން ކަމަށްވާ ކިމް ޝޯއިން ފެންނަން ވަނީ ތައްޔާރުވެފައެވެ. މިއީ ސްކްރިޕްޓް ކޮށްގެން މިހާ ބޮޑު ރޯލަކުން ކިމް ފެންނާނެ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް ސްކްރިޕްޓް ކޮށްފައިވާ ޝޯ ތަކުންނާއި ފިލްމުތަކުން ކިމް ވަނީ ފެނިފައެވެ. ނަމަވެސް ގިނަ ފަހަރަށް ފެނިފައިވަނީ މިނެޓެއް ވަރުގެ ކުރު ގެސްޓް ރޯލުތަކުންނެވެ.

މިފަހަރު ޝޯއިން ކިމް ދައްކައިދޭ ރޯލުން އޭނާގެ އެކްޓިން ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުސަތު ކިމްއަށް ލިބިގެންދާނެއެވެ. ޝޯގެ 12 ވަނަ ސީޒަން ދެއްކުމަށް ހަމަޖެހިފައިވާއިރު މި ސީޒަންގައި ކިމް ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް ހާމަވެފައެއް ނުވެއެވެ. ނަމަވެސް ސީޒަން 12ގެ ސްކްރިޕްޓް ތައްޔާރު ކުރިއިރު އެ މަސައްކަތް ކޮށްފައިވަނީ ކިމްއަށް ހާއްސަކޮށްގެން ކެރެކްޓަރެއް ތައްޔާރު ކޮށް އެ ކުޅުމަށް ކަމަށް މާފީ ވަނީ ބުނެފައެވެ.

މިއަހަރުގެ މެދުތެރޭގައި ޝޯ ދައްކަން ފެށުމަށް ހަމަޖެހިފައިވާއިރު ކާސްޓުންގެ ގޮތުގައި ކަށަަވަރު ކޮށްފައިވަނީ ކިމް އާއި އެމާ ރޮބާޓްސްއެވެ. އެމާ އަކީ މީގެ ކުރީން ޝޯގެ ބައެއް ސީޒަންތަކުން ލީޑުން ފެނިފައިވާ އެކްޓަރެކެވެ. އެމާގެ އިތުން ޝޯގެ އޮރިޖިނަލް ކާސްޓުންގެ ބައެއް އެކްޓަރުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.