24 Apr 2023, 09:18
މަޝްހޫރު ބިރުވެރި ފިލްމު ފްރެންޗައިޒް "އީވިލް ޑެޑް"ގެ އެންމެ ފަހުގެ ފިލްމު "އީވިލް ޑެޑް ރައިޒް" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅުވަން ފަށައި ބެލުންތެރިން ބިރުގަންނަވަން ފަށައިފިއެވެ.
ސޭމް ރެއިމީގެ އީވިލް ޑެޑް ފްރެންޗައިޒްގެ ފަސްވަނަ ފިލްމު ރައިޒް ދައްކަން ފަށާފައިވަނީ މިދިޔަ ހަފުތާ ބަންދުގައެވެ. އެއާއެކު އެ ފިލްމު ބަލަން ދާ އެތައް ބަޔަކު ބުނަމުން އަންނަނީ ފިލްމު ބިރުވެރި ކަމަށެވެ. އަދި ހަމައެކަނި ބިރުވެރި ވުމުގެ ބަދަލުގައި ފިލްމުގެ ޕްލޮޓު ވެސް ރަނގަޅު ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.
ރިވިއުތައް ވެސް އެކަމާ އެއްބަސްވެއެވެ. ކްރިޓީކުންގެ ގިނަ ބަޔަކަށް ފިލްމު ވަނީ ކަމު ގޮސްފައެވެ. އެގޮތުން ރޮޓެން ޓޮމާޓޯސްގައި ފިލްމަށް ވަނީ 84 ޕަސެންޓްގެ ރޭޓިން އެއް ލިބިފައެވެ. މިއީ މި ފްރެންޗައިޒްގެ އެންމެ ފަހުން ނެރުނު ފިލްމަށް ވުރެ ރަނގަޅު ރޭޓިން އެކެވެ. ރައިޒްގެ ކުރީން ނެރުނު ފިލްމަށް ލިބިފައިވަނީ 65 ޕަސެންޓް ރޭޓިން އެކެވެ.
މި ފިލްމަށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް އަންނަނީ ލިބެމުންނެވެ. އީވިލް ޑެޑް ރައިޒް މިވަގުތު އޮތީ އެމެރިކާގެ ބޮކްސް އޮފީހުގެ ދެވަނައިގައެވެ. މި ފިލްމަށް ވަނީ ހަފުތާ ބަންދުގައި އެކަނިވެސް އެމެރިކާ އިން 30 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.
އީވިލް ޑެޑް ރައިޒްގައި ފެނިގެންދާނީ ގުޅުން ކަނޑާލާފައިވާ ދެބެން އަހަރުތަކެއް ފަހުން ދިމާވެ އަލުން ގުޅުން ވަރުގަދަ ކުރަން އުޅެނިކޮށް ދެމީހުންގެ ތެރެއަށް ރޫހާނީ ބާރެއް ވަދެގެން ބިރު ދައްކައި ގެއްލުން ދޭން އުޅޭ ތަނެވެ. މި ފްރެންޗައިޒްގެ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ މީގެ 10 އަހަރު ކުރިން 2013 ވަނަ އަހަރުގައެވެ.