ވަގު ޑޮލަރު އިޝްތިހާރުކޮށް ވިއްކާ މައްސަލަ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެކަމާ ގުޅިގެން އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުޙައްމަދު ނާސިހް 'ސަން'އަށް ވިދާޅުވީ ވަގު ޑޮލަރު އިޝްތިހާރުކޮށް ވިއްކާ މައްސަލަ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް ފުލުހުންނަށް މިހާރު ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ވަގު ޑޮލަރު ވިއްކާ، އިޝްތިހާރު ކުރާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެވެ. އެގޮތުން އެ ޑޮލަރުތަކަކީ ކޮލިޓީ އަދި އަސްލު ޑޮލަރާ އެއްވެސް ތަފާތެއް ނެތް ޑޮލަރު ކަމަށް ބުނެ އިޝަތިހާރު ކުރަމުންދެއެވެ.

މިދިޔަ އަހަރުވެސް އެފަދަ މައްސަލަތަކެއް ފުލުހުން ތަހުގީގު ކޮށްފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫން މަހު، އޮޅުވާލައިގެން ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި ދެ ދިވެހިން 28,800 ރުފިޔާއިން ޖޫރުމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

އޭގެ އިތުރުން ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރި ކުރަމުންދިޔަ ބަޔަކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް ހައްޔަރު ކޮށްފައިވެއެވެ.