ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ކޯލިޝަނަށް ހޯދުމަށް ޑީއާރްޕީ އަށާއި ޖުމުހޫރީ ޕާޓީ އަށް ޕީޕީއެމުން ގޮވާލައިފި އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސްޕޯކުސް ޕާސަން އަހުމަދު މަހުލޫފް ވިދާޅުވީ ޕީޕީއެމަށް މަޖުލިހުގެ މައިނޯރިޓީ ލީޑަރުކަން ލިބުނީ އެ ޕާޓީގެ ބުރަ މަސައްކަތުން ކަމަށާއި މިއަދުގެ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޑީއާރްޕީ އާއި ޖުމުހޫރީ ޕާޓީ އާއި ޕީއޭގެ އިތުރުން ގައުމީ ޕާޓީން އެކުވެގެން ކޯލިޝަން ހެދިއްޖެ ނަމަ އެމްޑީޕީގެ އަތުން މެޖޯރިޓީ ލީޑަރުކަން ސަރުކާރުގައި ހިމެނޭ އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ލިބިގެން ދާނެ ކަމަށެވެ.

"އިއްތިހާދުގައި ހިމެނޭ ޕާޓީތައް ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި މަޖިލިހުގައި މަސައްކަތް ކުރާތަން ފެނިއްޖެ ނަމަ އެމްޑީޕީގެ އަތުން މެޖޯރިޓީ ލީޑަރުކަން ނެގިދާނެ. އެހެންވީމާ އަޅުގަނޑު ޖުމުހޫރީ ޕާޓީ އަށާއި ޑީއާރްޕީ އަށާއި ގައުމީ ޕާޓީ އަށް ގޮވަލަން ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕަޓީތަކުން މަޖިލިހުގެ މެޖޯރިޓީ ނެގުމަށް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަނަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިގެން ދިއުމަކީ އިއްތިހާދަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ވެސް އެދޭނެ އެދުމެއް ކަމަށާއި އެހެން ކަމުން ހުރިހާ ޕާޓީތަކުން ވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ޕީޕީއެމްގައި 17 މެންބަރުން ތިއްބެވި ނަމަވެސް މިނިވަން މެންބަރުންނާ އެކު ރަސްމީކޮށް ޕީޕީއެމަށް ތާއިދުކޮށް ވޯޓްދެއްވާ 24 މެންބަރުން ތިއްބެވި ކަމަށެވެ.

ނިހާން ވިދާޅުވީ އެމްޑީޕިގެ ކިބައިން ސަލާމަތްވުމަށް މަޖިލިހުގައި މެޖޯރިޓީ ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ސަރުކާރުގެ އިއްތިހާދުގައި 44 ހަތަރު މެންބަރުން ތިއްބެވިކަން ފާހަގަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ މެޖޯރިޓީ ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕާޓީތައް ނެގުމަށް ޕީޕީއެމުން މިއަދު ގޮވާލާފައިވާ އިރު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ދިޓިވީގެ ހަބަރުތެރެ އިން ޕްރޮގްރާމްގައި ވާހަކަ ފުޅުދައްކަވަމުން މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ މަޖިލިހުގެ އިއްތިހާދުގައި ހިމެނޭ ޕާޓީތައް އެކުވެގެން ކޯލިޝަނެއް ހެދުމަކީ މުހިންމު ކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި އެމްޑީޕީގެ އަތުގައި މަޖިލިހުގެ މެޖޯރިޓީ އޮވެގެން ވަކި ގެއްލޭނެ އެއްޗެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ތަސްމީން އަދި ވިދާޅުވީ މަޖިލިހުގައި ނެގޭ ވޯޓަކީ މުހިން އެއްޗެއް ކަމަށާއި ސަރުކާރުގެ ކޯލިޝަނުން ވޯޓް ދިނުމުގައި އެކައްޗެއް ކިޔައިފި ނަމަ އެމްޑީޕީ އަށް ސަރުކާރަށް ތާއިދުކުރާ ކޯލިޝަނުގެ މައްޗަށް ކުރި ނުހޯދޭނެ ކަމަށް ވެސް ތަސްމީން ވިދަޅުވި އެވެ.

މިހާރު މަޖިލިހުގައި ޕާޓީތައް ބެހިފައިވާ ގޮތަށް ބާލާ އިރު 32 މެންބަރުންނާ އެކު އެމްޑީޕީ މެޖޯރިޓީ އޮތް އިރު 17 މެންބަރުންނާ އެކު ޕީޕީއެމް މައިނޯރީޓީގައި އޮތް އިރު ދެވަނަ އަށް އެންމެ ބޮޑު ޑީއާރްޕީގައި ތިއްބެވީ 15 މެންބަރުންނެވެ. ޖުމުހޫރީ ޕާޓީގައި ތިން މެންބަރުން އަދި ގައުމީ ޕާޓީގައި އެއްމެންބަރަކު ޕީއޭގައި ދެމެންބަރަކު ތިއްބެވި އިރު މިނިވަން ހަތްމެންބަރުން ތިއްބަވަ އެވެ.