އިންޑިއާގެ ސިކުންނަށް މިނިވަން ދައުލަތެއް ގާއިމުކުރުމަށް ގޮވާލާ އެ ދީނުގެ ގުރޫޕެއް ކަމަށްވާ 'ވާރިސް ޕަންޖާބް ދޭ'ގެ ލީޑަރު ހައްޔަރުކޮށްފިއެވެ.

ވާރިސް ޕަންޖާބް ދޭގެ ލީޑަރު އަމްރިތުޕާލް ސިންގް ހައްޔަރުކޮށްފައި ވަނީ އޭނާ ހޯދާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އޭބީސީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 30 އަހަރުގެ ސިންގް ހައްޔަރު ކުރީ ޕަންޖާބުގައި ހުންނަ ސިކުންގެ ފައްޅިއެއްގައި ހުއްޓާ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކާ ގުޅުން ހުރި ހަރުކަށި ގާނޫނެއްގެ ދަށުންނެވެ. އެހެންކަމުން ދައުވާއަކާ ނުލައި އޭނާ އަހަރެއްހާ ދުވަހުގެ މުއްދަތަށް ބަންދުކުރެވޭނެއެވެ.

މިދިޔަ ފެބްރުއަރީ މަހު ސިންގްއަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ޕަންޖާބުގެ ޕޮލިސް ސްޓޭޝަނަކަށް ކަނޑިއާއި ބަޑި ހިފައިގެން ވަދެގަނެ، އޭނާގެ ގާތް މީހަކު ދޫކޮށްލުމަށް ގޮވާލާ، ފުލުހުންނަށް ބިރު ދައްކާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ވަނީ ސިންގް އާއި އޭނާގެ ސަޕޯޓަރުންގެ މައްޗަށް، ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އަޅައި، ހަމަނުޖެހުން އުފައްދާކަމުގެ ތުހުމަތުކޮށްފައެވެ. އަދި މިދިޔަ މަހު 18ގައި އޭނާ ހައްޔަރު ކުރަން އުޅުމުން އޭރުން ފެށިގެން އޭނާ ފިލައިގެން އުޅޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ސިންގް ބަންދުގައި ބަހައްޓާނީ އައްސާމް ސްޓޭޓުގައި ހުންނަ ދިބްރުގަރްހް ޖަލުގައެވެ. އޭނާއަށް ތާއީދުކުރާ ބައެއް މީހުން ވެސް ހަމަ އެ ޖަލުގައި ބަންދުކޮށްފައިވެއެވެ.

މީގެ ކުރިން 1980ގެ އަހަރުތަކުގައި އިންޑިއާގައި ސިކުންނަށް ވަކި ދައުލަތެއް ގާއިމުކުރުމަށް ގޮވާލައި ފެށި ހަރަކާތެއްގައި ހަމަނުޖެހުންތައް ހިނގައި، 10،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވެއެވެ.

ސިންގް ހައްޔަރުކުރުމާ ގުޅިގެން އެ ހަމަނުޖެހުންތަކުގެ ހަނދާންތައް އާވެ، އެފަދަ ހާދިސާއެއް އަލުން ހިނގާފާނެ ކަމުގެ ބިރު ވަނީ އުފެދިފައެވެ.