23 Apr 2023, 14:37
އއ. ފެރިދޫގައި އަނބިމީހާއަށް އަނިޔާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ރަށު ކައުންސިލް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ އަންހެން މީހާގެ މެޑިކަލް ޗެކްއަޕް ހެދުމަށް ސިއްހީ މަރުކަޒަށް ވެސް ގެންގޮސްފައިވާ ކަމަށެވެ. އޭނާއަށް އަނިޔާތަކެއް ކޮށްފައިވާކަން އެނގިފައިވާއިރު، އޭގެ މާ ބޮޑު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
އަނިޔާ ލިބުނު އަންހެން މީހާއަކީ ފެރިދުއަށް ނިސްބަތްވާ މީހެކެވެ. ނަމަވެސް އޭނާގެ ފިރިމީހާއަކީ ރަށުން ބޭރު މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ސިފައިންގޭގައި މަަސައްކަތް ކުރާ މީހެކެވެ.
ކައުންސިލް މެންބަރު ވިދާޅުވި ގޮތުގައި އެ ދެމަފިރިން ވަރަށް ފަހަކާ ޖެހެންދެން ދިރިއުޅުނީ މާލޭގައެވެ. ރަަށަށް ބަދަލުވީތާ މާ ގިނަ ދުވަހެއް ނުވެއެެވެ.
ރޭގެ ވަގުތެއްގައި އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމަށް ވެސް ކައުންސިލް މެންބަރު ވިދާޅުވިއެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި ފެރިދޫއިން 32 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
"އަނިޔާ ލިބުނު އަންހެން މީހާއަށް ފެރިދޫ ސިއްހީ މަރުކަޒަށް ގެންގޮސް ވަނީ ފަރުވާދީފައި،" އޮފިޝަލް ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ބުނާ ގޮތުން، ފެބްރުވަރީ މަހު އެ މިނިސްޓްރީއަށް ގެވެށި އަނިޔާގެ 41 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އެއީ ހުސް އަންހެނުންގެ ފަރާތުން ހުށަހަޅައިފައިވާ މައްސަލައެވެ.
އޭގެ ތެރެއިން، 23 މައްސަލައަކީ ޖިސްމާނީ އަނިޔާ ދީފައިވާ މައްސަލަތަކެވެ.