ތައިލެންޑުގައި ހޫނުގަދަވުމުގެ ސަބަބުން، މީހުން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށް ކަމާ ބެހޭ އިދާރާތަކުން ލަފާދީފިއެވެ.

ތައިލެންޑުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އެ ގައުމުގެ ހޫނުމިން އިންތިހާއަށް އުފުލެމުން ދާތީ ކުރިއަށް އޮތް ހަފުތާއެއް ދުވަހު މީހުން ސަމާލުވާން ޖެހޭ ކަމަށެވެ.

އެ އިދާރާއިން އިއްޔެ ބުނެފައިވަނީ މިއަދު އެގައުމުގެ އުތުރުގެ ހޫނުމިން 43 ޑިގްރީ ސެލްސިއަސް (107 ޑިގްރީ ފެރެންހައިޓް) އަށް އަރާނެ ކަމަށެވެ. އަދި ވެރިރަށް ބެންކޮކްގައި 40 ޑިގްރީ ސެލްސިއަސް (104 ފެރެންހައިޓް)އަށް ހޫނުމިން އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ބުނީ އިއްޔެ އެންމެ ހޫނުގަދަވީ އެ ގައުމުގެ އުތުރު ޕްރޮވިންސް ފެއްޗަބުންގައި ކަމަށެވެ. އެގޮތުން 42.5 ސެލްސިއަސް (109 ފެރެންހައިޓް)އަށް ހޫނުމިން އެރި ކަމަށެވެ.

މިއަދު އެންމެ ހޫނުގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ އެ ގައުމުގެ ދެކުނުގެ ރިސޯޓެއް ކަމަށްވާ ޕުކޭޓްގައެވެ. އެ ރިސޯޓުގައި އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށްވަނީ ލަފާކޮށްފައެވެ.

ހޫނުގަދަވުމާ ގުޅިގެން އެ ގައުމުގެ މީހުން ވަނީ ގޭގޭގެ އޭސީތައް 20 ޑިގްރީގައި ބެހެއްޓި ނަމަވެސް އެއްވެސް ވަރަކަށް ފިނި ނުވާ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވުމުގެ ކަންބޮޑުވުން ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ބެންކޮކްގެ ދެކުނުން އޮންނަ ޕްރޮވިންސެއް ކަމަށްވާ ސަމުތު ޕްރަކާންގައި މި ހަފުތާ ތެރޭގައި ހޫނު ގަދަވުމާ ގުޅިގެން ފުލުހަކަށް ހީޓް ސްޓްރޯކެއް ޖެހި، މަރުވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.