23 Apr 2012, 16:01
މާޗު އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހުންގެ ޝީލްޑުތަކުގައި އަތުންނާއި ފައިން ތަޅައި، ފުލުހުންގެ ސަފުތައް ފަޅާލި ކަމަށް ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް އަންނަ މަހުގެ އަށް ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ 12 މީހުންގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާއެވެ.
ކުރިން އެ މައްސަލައިގެ ހެކިބަސް ނެގުމަށް ހަމަޖައްސާފައި އޮތީ މިއަދު އެވެ. ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ އެމީހުން ވަކީލަކު އައްޔަންކޮށްފައި ވަނީ މިއަދު ކަމަށްވާތީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްފަހު އަންނަ މަހުގެ އަށް ވަނަ ދުވަހު ހެކިބަސް ނެގުމުގެ ޝަރީއަތުގެ މަޖިލީސް ބާއްވާން ނިންމެވީ ކަމަށެވެ.
އެ މައްސަލައިގައި ދައުވާލިބޭ 12 މީހުންގެ ތެރެއިން މިއަދުވެސް ކޯޓަށް ހާޒިރުވެފައި ވަނީ 10 މީހެކެވެ. ކޯޓަށް ހާޒިރުވެފައި ނުވަނީ މއ. ފޯޗިއުން، މުހައްމަދު އަލީ ރަޝީދު އާއި ހއ. ދިއްދޫ އޯޓަމްވާދީ، އުބައިދުﷲ ސައީދު އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެމީހުން ކޯޓަށް ހާޒިރުވެފައި ނުވާތީ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް ކުރިން އަންގާފައިވާކަމަށާއި ނަމަވެސް ފުލުހުންނަށް މިއަދު އެމީހުން ކޯޓަށް ހާޒިރުކޮށްދެވިފައި ނުވާކަމަށެވެ.
ކޯޓުގައި ޖާގަ ނެތުމުން އެމީހުންގެ ޝަރީއަތްތައް ބާއްވާފައި ވަނީ ވަކިވަކިން ބައިބަޔަށް ބަހައިގެންނެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދިފާއީ ވަކީލުން ވިދާޅުވެފައި ވަނީ އެމީހުން ދައުވާއަށް އިންކާރު ކޮށްފައިވާކަމަށާއި ދައުވާއާ ބެހޭގޮތުން އިތުރަށް ވާހަކަދެއްކޭނީ ހެކީންގެ ހެކިބަހަށް ބެލުމަށްފަހު ކަމަށެވެ.
އެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރޭގައި އަލިކިލޭގެފާނުމަގާއި ލިލީމަގު ގުޅުނު ހަތަރު އަނގޮޅީގައި މާޗް އެއްވަނަ ދުވަހު މުޒާހަރާކުރި އިރު އެ ހިސާބުގައި ހަރަކާތްތެރިވި ފުލުހުންނާ، ވީޑިއޯ ފްޓޭޖްތަކެއް ވެސް ހިމެނެއެވެ.