10:00


ފަނޑިޔާރުންނާ ބެހޭ ޤާނޫނެއް ނެތަސް، ފަނޑިޔާރުން ދާއިމީކޮށް، އައްޔަންކުރުމުގެ ބާރު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ކަމަށް ބުނެ، ފަނޑިޔާރުން ހުވާކުރުމުގެ ކަންތައް ކުރިއަށްގެންދާ ގޮތަށް އެ ކޮމިޝަނުން ހަމަޖައްސައިފި އެވެ. 


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭއެސްސީގެ ރައީސް މުޖްތާޒް ފަހުމީ އިއްޔެ ވިދާޅުވީ، އޯގަސްޓް 7 ވާ އާދިއްތަ ދުވަހުގެ ކުރިން ފަނޑިޔާރުން ދާއިމީކުރަންޖެހޭ ކަމަށާއި އެ ތާރީޚުގެ ކުރިން އެކަންތައް ނިންމުމަށް ކޮމިޝަނުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ދާއިމީކޮށްފައިވާ 160 ފަނޑިޔާރުން ހުވާކުރުމުގެ ކަންތައް ވީ އެންމެ އަވަހަކަށް ކުރިއަށްގެންދާނެ ކަމަށްވެސް މުޖްތާޒް ވިދާޅުވި އެވެ. ނަމަވެސް، އަތޮޅުތަކުގައި ތިއްބަވާ ފަނޑިޔާރުންގެ ހުވާކުރުމުގެ ކަންތައް ކުރިއަށްގެންދިއުމަށް ދަތުރުފަތުރު ކުރަންޖެހޭތީ ބައެއް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް މުޖްތާޒް ވިދާޅުވި އެވެ.


ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގަ އާއި، ފަނޑިޔާރުން ދާއިމީ ކުރުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް އެއްވެސް މަސައްކަތެއް ކޮމިޝަނުން ކޮށްފައިނުވާނެ ކަމުގެ ޔަގީންކަން އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ފަސް މެމްބަރުން ވެސް ވަނީ ދެއްވާފަ އެވެ. އަދި ޖޭއެސްސީން ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށް ކަންތައްތަކެއް ކުރަމުންދާ ކަމަށް ބުނެ، ފުލުހުން ޖޭއެސްސީގެ މަސައްކަތް ހުއްޓުވާފައިވާތީ ކޮމިޝަނުގެ މެމްބަރުން އެކަން ކުށްވެރިކުރެއްވި އެވެ. އަދި އެ މެމްބަރުން ވިދާޅުވީ، ކޮމިޝަނުން ޤާނޫނު އަސާސީއާ ޚިލާފަށް ކޮށްފައިވަނީ ކޮން ކަމެއްތޯ ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ.


ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ހައިކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ، ފަނޑިޔާރުން ދާއިމީކޮށް، އައްޔަންކުރުމުގެ ބާރު ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގެ ދަށުން ޖޭއެސްސީއަށް ފުރިހަމައަށް ލިބިދީގެންވާ ކަމަށެވެ. އަދި ފަނޑިޔާރުން ދާއިމީކުރުން ކޮމިޝަނުގެ މައްޗަށް އެ މާއްދާގެ ދަށުން ލާޒިމްކޮށްފައިވާއިރު، ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އެކަންތައް ނުކޮށްފިނަމަ، ކޮމިޝަނާމެދު ފިޔަވަޅު އެޅޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.


މީގެ އިތުރުން ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތް ކުރިއަށްގެންދަން ޖެހޭނީ ޤާނޫނެއްގެ ދަށުން ކަމަށް ޤާނޫނު އަސާސީގައި ބުނެފައި އޮތް ނަމަވެސް، އެއީ ކޮން ޤާނޫނެއް ކަމެއް ބަޔާންކޮށްފައި ނޯންނާނެ ކަމަށް އާދަމް މުހައްމަދު ވިދާޅުވި އެވެ. އެހެންކަމުން، ފަނޑިޔާރުން ދާއިމީކުރަންޖެހޭނީ ކޮންމެހެން ފަނޑިޔާރުންނާ ބެހޭ ޤާނޫނެއް އޮވެގެން ނޫން ކަމަށާއި ޖޭއެސްސީގެ ޤާނޫނުގެ ދަށުންވެސް އެކަންތައް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.