23 Apr 2023, 11:42
ވިޔަފާރިިކުރާ މުދާ ފޮތި ކޮތަޅަށް އަޅައިފައި ދޭ ބައެއް ބޮޑެތި ފިހާރަތަކުން އެ ކޮތަޅަށް ވެސް ފައިސާ ނަގާތީ އާއްމުން ރުޅިގަދަވެއްޖެއެވެ.
ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާ ނަގަން ކުނި މެނޭޖުކުރުމުގެ ގާނޫނަށް ބަދަލު ގެނައުމާ އެކު، ބައެއް ބޮޑެތި ފިހާރަތަކުން ތަކެތި އަޅަން ފެށީ ފޮތި ކޮތަޅުގައެވެ. އެ ގާނޫނު އައުމުގެ ކުރިން ވެސް ބައެއް ފިހާރަތަކުން އެ ކަން ކުރެއެވެ.
އެކަމަކު، މިދިޔަ އަންގާރަ ދުވަހު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާ އެކު ފޮތި ކޮތަޅުތަކުން ވެސް ފިހާރަތަކުން ވަނީ ފީ ނަގަން ފަަށައިފައެވެ. އެކަމަކު، ގާނޫނު ބުނަނީ ޕްލާސްޓިކް ކޮތަޅުން ފީއެއް ނެގުމަށެވެ. އެއީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމުގެ މަގުސަދުގައި ނަގަންް ފެށި ފީއެކެވެ.
ބައެއް ފިހާރަތަކުން ބުނާ ގޮތުގައި، ފޮތި ކޮތަޅަށް ރުފިޔާ ނަގަނީ ޚަރަދު ފޫބައްދާށެވެ. އެކަމަކު، ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމުގެ ކުރިން އެ ޚަރަދު ފޫބައްދާކަށް ވެސް ނޫޅެއެވެ. އާއްމުންގެ މީހަކު ބުނި ގޮތުގައި މިއީ ވިޔަފާރިވެރިން ދަނޑިވަޅުގެ ބޭނުން ހިފައި ކުރަން ފެށި ވަރަށް ހީލަތްތެރި ކަމެކެވެ.
"މީގެ ކުރިން ވެސް ފޮތި ކޮތަޅު ދޭ ތަންތަން އެބަހުރި. އޭރު ހަރަދު ފޫބައްދަން ނުޖެހެނީބާއޭ ހިތަށް އަރަނީ. ކޮތަޅަށް ވެސް ފީ މި ދައްކަނީ ރައްޔިތުން. ފިހާރަތަކަކުން ނޫން،" ނުރުހުން ފާޅުކޮށް ވާހަކަދެއްކި މީހަކު ބުންޏެވެ.
"މީ އެހެންވީމަ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއް ނޫންތާ،"
ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ބައެއް ފިހާރަތަކުން އެ ފިހާރައެއްގެ ލޯގޯ ޖަހައިފައިވާ ފޮތި ކޮތަޅު ވެސް ފައިސާއަށް ވިއްކާ ކަމަށެވެ.
"އެ ހިސާބުން އެ ކޮތަޅު ގެންގުޅޭހާ ދުވަހަކު އެ މީހުންގެ އިސްތިހާރު އެއީ. ފްރީ މާކެޓިން. ކިހާ ސަޅި،" އޭނާ ބުންޏެވެ.
މި ކަމުގެ ކަންބޮޑުވުން އޮތް ވަރު ފެންނަނީ ފިހާރަތަކުގައި އާއްމުންގެ މީހުން ޝަކުވާ ކުރާ މިންވަރު ފެނުމުންނެވެ.
ވަރަށް ގިނަ އެހެން ފިހާރަތަކުން ފޮތި ކޮތަޅަށް ފައިސާ ނަގައެވެ. އެ ކަމާ ވިޔަފާރި ކުރަން ދާ ވަރަށް ގިނަ މީހުން ޝަކުވާކޮށް ހަދައެވެ. ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ އުސޫލުން ނާޖާއިޒު ފައިދާ ނަގައި، ފޮތި ކޮތަޅުން ވެސް ފައިސާ ނަގަނީ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.