މިހާރުއްސުރެ އަންނަ ސީޒަނާ މެދު ވިސްނަމުންދާ ކަމަށް ލިވަޕޫލުގެ ކޯޗު ޔާގަން ކްލޮފް ބުނެފިއެވެ.

ދަށް ކުޅުމެއް ފެނިގެންދާ ލިވަޕޫލުން މި ސީޒަން ނިންމާލާނީ ހުސްއަތާއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް އަދި ކަރަބައޯ ކަޕުން ވެސް ލިވަޕޫލު ވަނީ ކަޓައިފައެވެ. އޭގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު ހަތްވަނައިގައި އޮތުމުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލު ފެންނާނެ ކަމާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ލިވަޕޫލުން ޕްރިމިއާ ލީގުގައި އަދި ހަތް މެޗު ކުޅެން އޮތް ނަމަވެސް، އެ ކަމަށްވުރެ މިހާރު ވިސްނަމުންދަނީ އަންނަ ސީޒަނަށް ސްކޮޑު ވަރުގަދަކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ މެދު ކަމަށް އެ ޓީމުގެ ކޯޗު ކްލޮޕް ވަނީ ބުނެފައެވެ.

"އަހަރެންގެ ސިކުނޑީގައި މިހާރު އޮތީ އަންނަ ސީޒަން. އަހަރެމެން ޖެހޭނީ މިހާރު ދަސްވާ ކަންތައްތައް ޓީމަށް ގެންނަން. އަހަރެމެންނަށް މި ސީޒަނުގައި ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ،" ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މި ސީޒަނުގައި ޑިފެންސް ވެސް އަދި މިޑްފީލްޑް ވެސް ގޯސް ކަމަށާއި މެޗުތަކުގައި ޑިފެންސް ލައިން މާ ކުރިއަށް ޖެހި ރިސްކުތަކެއް ނެގުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކަމާ މެދު ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލާ ދެމެދު މިހާރު އޮތީ ހަ ޕޮއިންޓުގެ ފަރަގެކެވެ. ނަމަވެސް ލިވަޕޫލުން ވަނީ ނިއުކާސަލަށް ވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލުން ވަނީ އުނދަގޫ މޮޅެއް ހޯދައިފައެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން ލިވަޕޫލް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ލިވަޕޫލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ޑިއޮގޯ ޖޮޓާ އާއި މުހައްމަދު ސަލާހެވެ. އޭގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ޖޮޓާއެވެ. ރެލިގޭޝަންގެ ބިރާއެކު ލީގު ތާވަލުގެ 19ވަނައިގައި އޮތް ނޮޓިންހަމްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ނެކޯ ވިލިއަމްސް އާއި މޯގަން ގިބްސް ވައިޓެވެ.

ޕްރިމިއާ ލީގުގައި ލިވަޕޫލުން ދެން ނުކުންނަން ޖެހޭނީ ތާވަލުގެ 15ވަނައިގައި އޮތް ވެސްޓްހާމް ޔުނައިޓެޑާ ދެކޮޅަށެވެ. ވެސްޓްހާމްގެ ދަނޑުގައި ކުޅޭ އެ މެޗަށް ލިވަޕޫލް ނުކުންނަން ޖެހޭނީ އަންނަ ބުދަ ދުވަހުއެވެ.