23 Apr 2023, 09:35
ސްޕެނިޝް ލަލީގާގައި ސެލްޓަ ވީގޯގެ މައްޗަށް ކުރި ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.
ރޭ ރެއާލްގެ އަމިއްލަ ދަނޑުގައ ކުޅުނު އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ 41ވަނަ މިނެޓުގައި ރެއާލުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. ވިނީޝިއަސް ޖޫނިއާ ސެލްޓަ ވީގޯގެ އޭރިއާ ތެރެއަށް ތިރިތިރިން ނެގި ހުރަހެއްގެ ބޭނުން ހިފައިގެން އެ ގޯލު ޖެހީ މާކޯ އެސެންސިއޯއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެ ނަތީޖާއާ އެކުއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެޑާ މިލިޓާއޯ ޖެހި ގޯލުން ވަނީ ރެއާލުން މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. އޭނާ އެ ގޯލު ޖެހީ އެސެންސިއޯ ނެގި ކޯނަރަކަށް އަރައެވެ.
މެޗުގެ 60ވަަނަ މިނެޓުގައި ރެއާލަށް ވަނީ ގޯލު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ސެލްޓަ ވީގޯ އޭރިއާ ބޭރުން ވިނީޝިއަސް ނެގި ހުރަސް ކަރީމް ބެންޒެމާ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ވަނީ އެ ޓީމުގެ ކީޕަރު އިވާން ވިލާ ހުށިޔާރު ކަމާ އެކު ދިފާއުކޮށްފައެވެ.

ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗުގެ ތެރެއިން ---
މެޗުގެ 76ވަނަ މިނެޓުގައި ސެލްޓަ ވީގޯއަށް ވެސް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ސެލްޓަ ވީގޯގެ އިއާގޯ އަސްޕަސްއަށް ރެއާލްގެ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ވަދެ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ކައިރިން ނައްޓާލުމަށް އުޅުމުގެ ތެރޭގައި އޭނާ އަތުން ވަނީ އެ ބޯޅަ ގެއްލިފައެވެ.
ރެއާލުން އެ ހޯދި މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ އަށް ޕޮއިންޓު ގާތަށް ޖެހިލައިފައެވެ. ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތީ 29 މެޗު ކުޅެ 73 ޕޮއިންޓު ހޯދައިގެންނެވެ. ރެއާލް މެޑްރިޑް 30 މެޗު ކުޅެފައިވާއިރު އެ 30 މެޗުން ލިބުނީ 65 ޕޮއިންޓެވެ.