ފިތުރު އީދާ ގުޅުވައިގެން ބައިބަލާ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ "އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444" ގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯ އާއި އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖުން ފެށުން ރަނގަޅުކޮށްފިއެވެ.

ޖުމުލަ 34 ޓީމަކާއެކު މިފަހަރުގެ ބައިބަލާ ޗެލެންޖު ބާއްވަނީ އެހެން އަހަރުތަކާ ހިލާފަށް ހުޅުމާލޭގައެވެ. މިރޭ އެ މުބާރާތް ފެށިގެންދިޔަ އިރު، މިރޭ ޖުމުލަ ހަތް މެޗެއް ކުޅުނެވެ.

މިރޭގެ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު އެއް މެޗަކީ އެންމެ ފަހުގެ ޗެމްޕިއަން ކްލަބު އޯވަންއޯގެ މެޗެވެ. އޯވަންއޯގެ ވަރުގަދަކަން ފެނިގެންދިޔަ އެ މެޗުގެ ދެ ގޭމް ވެސް އެޓީމުން ގެންދިޔައެވެ. ލޮރެންޒޯ ޕާކާ ދެކޮޅަށް ކުޅުނު އެ މެޗުގެ ފުރަތަމަ ގޭމް، އޯވަންއޯ އިން ގެންދިޔައީ 6-5 އިންނެވެ. އަދި ދެވަނަ ގޭމް ކާމިޔާބުކުރީ 20-0 އިންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1444 ފެށުން -- ފޮޓޯ/ އެމްޓީސީސީ

އެންމެ ފަހުގެ ރަނަރަޕް ކްލަބު ޓީނޭޖުން މިރޭ ކުޅުނު މެޗުގައި ނުކުތީ ޓީނޭޖް ޖޫނިއާސްއާ ދެކޮޅަށެވެ. ކްލަބު ޓީނޭޖުން ވެސް މެޗު ގެންދިޔައީ ސީދާ ދެ ގޭމުންނެވެ. އެ މެޗުގެ ފުރަތަމަ ގޭމް ކްލަބު ޓީނޭޖުން 19-2 އިން ގެންދިޔަ އިރު، ދެވަނަ ގޭމް ގެންދިޔައީ 10-8 އިންނެވެ.

ބައިބަލާ ޗެލެންޖުގައި މިރޭ ކުޅުނު އެހެން މެޗުތައް:

  • އެސްޑީޒެޑް ޖޫނިއާސް - މީޓް ދަ އީގަލްސް (2-1 ގޭމުން މޮޅުވީ އެސްޑީޒެޑް ޖޫނިއާސް)

  • ކްލަބު ކާސިންޖީ - ކުޑަހެންވޭރު ޔުނައިޓެޑް (ސީދާ ދެ ގޭމުން މޮޅުވީ ކްލަބު ކާސިންޖީ)
  • ކްލަބު އެސްޑީޒެޑް - ޖޭކޭ ސްޕޯޓްސް ކްލަބު (2-1 ގޭމުން މޮޅުވީ ކްލަބު އެސްޑީޒެޑް)
  • ލޮރެންޒޯ ހަޔެނަސް - ވިއެނާ ޓައުން (ސީދާ ދެ ގޭމުން މޮޅުވީ ވިއެނާ ޓައުން)
  • ބްރަދާހުޑް ސްޕޯޓްސް ކްލަބު - ބީޖީ ނެކްސްޓް ޖެނެރޭޝަން (2-1 ގޭމުން މޮޅުވީ ބްރަދާހުޑް ސްޕޯޓްސް ކްލަބު)

ބައިބަލާ ޗެލެންޖުގައި މާދަމާ ވެސް ހަތް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. އެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9:00 ގައެވެ.

މާދަމާ ރޭ ކުޅޭ މެޗުތައް:

  • 21:00، ކުޑަހެންވޭރު ސްޓްރީޓް - ޓީސީ ފްރެޓާނިޓީ

  • 21:30، އީގަލްސް ޕީކޭ - ވީކޭ ސްޕޯޓްސް
  • 22:00، ކްލަބު ވޯންޓެޑް - މަސްއޮޑި ވޯވޯ
  • 22:30، ހުޅުމާލެ ސްޕޯޓްސް - ޓީނޭޖް ވެޓެރަންސް
  • 23:00، ބީޖީ ނިއު ޖެނެރޭޝަން - ކުޑަހެންވޭރު ލަޔަންސް
  • 23:30، މަސްއޮޑި ޓައިޓަންސް - އެސްޑީޒެޑް ޖޫނިއާސް
  • 00:00، އީސްޓް ކޯސްޓް - ކްލަބު ކާސިންޖީ

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސާފައިވާ އިރު، އޮފިޝަލް ޕާޓްނަރަކީ އާބަންކޯއެވެ. އަދި ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ.