ހދ. ކުޅުދުއްފުށީގައި ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި އެކަކު މަރުވެ، ސީރިއަސް ޒަޚަމްތަކަކާއެކު ކޯމާއެއްގައި އޮތް ޒުވާނާ ފަރުވާ ދިނުމަށް މާލެ ފުރުވާލައިފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މާލެ ފުރުވާލީ އެރަށު ފޭރުގަސްދޮށުގޭ އާދަމް ސިނާހު 18، އެވެ. ރޭ ފަތިހު ހިނގި އެކްސިޑެންޓްގައި މަރުވެފައި ވަނީ އެރަށު ދިއްތުނޑި، އަހުމަދު އިބްރާހީމް 21، އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ސިނާހުއަށް ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލީ ސިއްހީ އެހީތެރިންނާއެކު މިއަދު މެންދުރު ކަމަށެވެ.

ރޭގެ އެކްސިޑެންޓްގައި އަޙުމަދު އިބްރާހީމް މަރުވެފައިވަނީ އެކްސިޑެންޓަށްފަހު ކުޅުދުއްފުށި ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގަ އެވެ.

ރޭ ހިނގި އެކްސިޑެންޓްގައި ދެމީހުންގެ ބޯފަޅައިގެން ގޮސް، ކަންފަތުންނާއި ނޭފަތުން ގިނަ ޢަދަދަކަށް ލޭ އައިސްފައިވާ ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދަށް ފުލުހުން ދިޔައިރު އެކަކު އޮތީ ސައިކަލުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އަނެއް މީހާ އޮތީ ސައިކަލާއި 14 ވަރަކަށް ފޫޓު ދުރުގައި ކަމަށާއި ދެމީހުން ވެސް ތިބީ ހޭނެތިފައި ކަމަށެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގައިފައި ވަނީ ދެމީހުން ދުއްވި ސައިކަލް އެރަށު ހަވާނާގޭގެ ފާރުގައި ޖެހިގެން ކަމަށް ފުލުހުން ބުނެ އެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުނީ ދެމީހުން ތިބީ އެއްސައިކަލެއްގައި ކަމަށާއި ދުއްވަން އިނީ ކާކުކަން ނޭންގޭ ކަމަށެވެ. އަދި އެމީހުން ދުއްވި ސައިކަލު ފާރުގައި ޖެހި ވަރަށް ބޮޑަށް ގޭނިފައި ހުރި ކަމަށް ވެސް އެމީހާ ބުންޏެވެ.

ރޭގެ އެކްސިޑެންޓްގައި ދުއްވި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވެއެވެ. ނަމަވެސް ސައިކަލު ފާރުގައި ޖެހެންދިމާވި ސަބަބު އަދި ނޭނގެ އެވެ. މިހާދިސާ ފުލުހުން ދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.