23 Apr 2023, 09:28
އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ނޮޓިންހަމް ފޮރެސްޓް އަތުން ލިވަޕޫލް ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ލިވަޕޫލުން ކާމިޔާބުުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
ނަމަވެސް ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ފަބީނިއޯ ތަނަވަސްކުރި ފުރުސަތަކުން ޑިއޭގޯ ޖޮޓާ ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ނޮޓިންހަމްއިން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަކޮށްފައެވެ. ގިބްސް ވައިޓް ނެގި ހުރަހަކުން އެ ގޯލު ޖެހީ ލިވަޕޫލްގެ އެކެޑަމީން ތަމްރީނުވި ނެކޯ ވިލިއަމްސްއެވެ.

ލިވަޕޫލާއި ނޮޓިންހަމް ބައްދަލުކުރި މެޗުގެ ތެރެއިން ---
ކައިރި ކައިރީގައި ގޯލުތައް ފެނުނު އެ މެޗުގެ 55ވަނަ މިނެޓުގައި އެންޑިރިއޫ ރޮބާޓްސަން ނެގި ހިލޭ ޖެހުމަކުން އެ ގޯލު ޖެހީ ފުރަތަމަ ގޯލު ޖެހި ޖޮޓާއެވެ.
މެޗުގެ 67ވަނަ މިނެޓުގައި ނޮޓިންހަމްއިން ވަނީ ގޯލެއްޖަހައި އަނެއްކާ ވެސް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ގޯލަކީ ލިވަޕޫލްގެ ވާގިލް ވެންޑައިކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ގިބްސް ވައިޓް ކާމިޔާބުކުރި ގޯލެކެވެ.
އޭގެ ތިން މިނެޓު ފަހުން އެލެކްސެންޑާ އާނޯލްޑް ނެގި ހުރަހަކުން މުހައްމަދު ސަލާހު ވަނީ ގޯލެއް ޖަހައި ތިންވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިފައެވެ.
މި މޮޅާ އެކު ލިވަޕޫލް ވަނީ 31 މެޗު ކުޅެ ހޯދި 50 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައަށް ޖެހިލައިފަައެވެ. މެޗުން ބަލިވި ނޮޓިންހަމް ތާވަލުގެ 19ވަނައިގައި އޮތީ 32 މެޗުން ހޯދި 27 ޕޮއިންޓާ އެކުއެވެ.