އަޖޭ ދޭވްގަން ލީޑު ރޯލު ކުޅޭ ފްރެންޗައިޒް ފިލްމް "ސިންގްހަމް"ގެ ތިންވަނަ ބައި ރިލީޒް ކުރާ ދުވަސް ބަދަލުވެއްޖެއެވެ.

މި ފިލްމު ކުރިން ރިލީޒް ކުރާގޮތަށް ނިންމާފައިވަނީ 2024ވަނަ އަހަރުގެ ދިވާލީ ފެސްޓިވަލް ދުވަސްކޮޅާ ދިމާކޮށެވެ. ކާތިކް އާރްޔަންގެ ފިލްމު "ބޫލް ބުލައްޔާ3" ރިލީޒްކުރެވޭ ދުވަހާ ފުށުއަރާތީވެ ފިލްމު "ސިންގްހަމް3" މިހާރު ރިލީޒްކުރުމަށް ނިންމާފައިވަނީ 2024ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށެވެ.

ފިލްމު "ސިންގްހަމް"ގެ ސީރީސްއަކީ ރޯހިތް ޝެޓީގެ ކޮޕް ޔުނިވާސްއިން ގެނެސްދެމުން އަންނަ ސީރީސްއެކެވެ. މި ސީރީސްގެ ފުރަތަމަ ބައި ރިލީޒްކޮށްފައިވަނީ 2011ވަނަ އަހަރުއެވެ. އޭގެ ފަހުން "ސިންގްހަމް ރިޓާންސް"ގެ ނަމުގައި ފިލްމުގެ ދެވަނަ ބައިވަނީ ރިލީޒްކޮށްފައެވެ.

މި ފިލްމުގެ އިތުރުން ރޯހިތް ޝެޓީގެ ކޮޕް ޔުނިވާސްއިން ގެނެސްދީފައިވާ "ސިމްބާ" އަދި "ސޫރްޔަވަންޝީ"އިން ވެސް އަޖޭވަނީ ފެނިފައެވެ. ބަތަލާ ދިޕިކާ ޕަދުކޯން އަޖޭއާ އެކު ލީޑް ރޯލުން ފެންނަ ފިލްމުގެ ތިންވަނަ ބަޔަށް ދީފައިވާ ނަމަކީ "ސިންގްހަމް އަގެއިން"އެވެ.

ދިޕިކާގެ އިތުރުން ޖެކީ ޝްރޮފް ފިލްމުގެ ވަރަށް މުހިއްމު ރޯލުން ފެންނާނެ ކަމަށް ކޮޕް ޔުނިވާސްއިންވަނީ ބުނެފައެވެ.

މި ފިލްމު ރިލީޒްކުރުން 2024ވަނަ އަހަރުގެ މިނިވަން ދުވަހަށް ތާވަލުކުރިއިރު މި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރެވިފައިވަނީ 2014ވަނަ އަހަރުގެ މިނިވަން ދުވަހާ ދިމާކޮށެވެ. ފިލްމު "ސިންގްހަމް"ގެ ސީރީސްތަކަކީ އަޖޭ ދޭވްގަންގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެތެރޭ ހިމެނޭ ސީރީސްތަކެކެވެ.

އަޖޭގެ އެންމެ ފަހުން ރިލީޒްކުރެވުނު ފިލްމު "ބޮލާ"އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު ކުރިއަށް އޮތް ފިލްމު "މައިދާން"އަކީ ވެސް ކާމިޔާބު ފިލްމަކަށް ވާނެ ކަމަށް ގިނަބަޔަކު ދެކެއެވެ. "ސިންގްހަމް އަގައިން"ގެ އިތުރުން އަޖޭ އަންނަނީ ބަތަލާ ތައްބޫއާ އެކު އިތުރު ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.