23 Apr 2023, 00:49
ގދ. ތިނަދޫން ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގދ. ތިނަދޫގައި ރޭ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ މި މައްސަލައާއި ގުޅިގެން އެމީހާ ބަލައިފާސްކުރި އިރު، 138 ބަނގުރާ ދަޅާއި 103 ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ، އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ސިފައިންގެ މީހަކާއެކު އިތުރު މީހަކު ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކޮށްފައެވެ.
އެމީހުން ދިރިއުޅެމުން ދިޔަ ދެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ ކޭސްތަކެއް އަތުލައިގެންފައެވެ. އެ އޮޕަރޭޝަންގައި 11 ފޮށިގަނޑާއި ދަބަހެއް ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައެވެ.
ފުލުހުން މި ފަހުން އަންނަނީ މަސްތުވާތަކެތި ވިޔަފާރި ކުރުން ހުއްޓުވުމަށް ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންވެ. އިންޓެލިޖެންސަށް ލިބޭ މައުލޫމާތު ތަކާ ގުޅިގެން ހިންގާ އެފަދަ އޮޕަރޭޝަންތަކުގައި މީގެ ކުރިން ވެސް ވަނީ ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެއްޗާއެކު މީހުން ހައްޔަރުކޮށްފައެވެ.