23 Apr 2023, 09:23
ސްޓްރީމިން ޕްލެޓްފޯމްތަކުން މިހާތަނަށް ކުރެވުނު ތަޖުރިބާތައް ހީކުރި ވަރަށްވުރެ ކާމިޔާބުކަމަށާއި މީގެ ކުރިން ފިލްމު ސްޓްރީމިންއަށް ދޫކޮށްލުމާ މެދު ޚިޔާލު ތަފާތުވި ނަމަވެސް އެ ކަން ބަދަލުވެފައިވާކަމަށް ބަތަލާ އަދިތީ ރާއޯ ބުނެފިއެވެ.
މި މަހުގެ ހަތެއްގައި އެމޭޒަން ޕްރައިމްއިން ޕްރިމިއާކުރަން ފެށި "ޖުބިލީ"ގެ އިތުރުން "ތާޖް:ޑިވައިޑެޑް ބައި ބްލަޑް"ގެ ނަމުގައި ޒީ5އިންވަނީ އަދިތީގެ ވެބް ސީރީސްއެއް ޕްރިމިއާ ކޮށްފައެވެ. މި ދެ ސީރީސްއަށް ވެސް ބެލުންތެރިންގެ ބޮޑު ތަރުޚީބެއް ލިބިފައިވާއިރު ރިވިއުތައް ވެސް ރަނގަޅެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަދިތީ ބުނެފައިވަނީ މީގެ ކުރިން ފިލްމަކަށް ނުވަތަ ސީރީސްއަކަށް ސޮއިކުރާއިރު ފުރަތަމަ ވެސް ބަލަނީ އެއީ ބޮޑު ސްކްރީނުން ރިލީޒްކުރާނެ ޕްރޮޖެކްޓެއްތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ އޭރު ސްޓްރީމިން ޕްލެޓްފޯމްތަކުގައި ޕްރިމިއާކުރާ ޕްރޮޖެކްޓުތައް ކާމިޔާބުވާނެ ކަމާ މެދު ސުވާލު އުފެދޭތީއެވެ. ނަމަވެސް މިހާރު އެ ވިސްނުން ބަދަލުވެފައިވާ ކަމަށާއި ސްޓްރީމް ކުރާ ޕްލެޓްފޯމްތަކުގައި ހުރި ބާރު އެ ފަރާތްތަކުން ދައްކައިފިކަމަށް ބަތަލާވަނީ ބުނެފައެވެ.
މިހާރު ފިލްމީ މަސައްކަތަކަށް އާނ ބަސް ބުނާއިރު އެއީ ކޮންމެ މީޑިއަމްއަކުން ޕްރިމިއާކުރާ މަސައްކަތަކަށްވި ނަމަވެސް އެ ކަމާ މާބޮޑަށް ނުވިސްނާކަމަށް އަދިތީވަނީ ބުނެފައެވެ.
އަދިތީގެ މިވިސްނުން ބަދަލުކޮށްލީ އަދިތީ ކުޅެފައިވާ މަލަޔާލަމް ފިލްމެއް ތިއޭޓަރުތަކުގައި ރިލީޒްނުވެ ފިލްމު ސްޓްރީމްކުރުމަށް ނިންމުމާ ގުޅިގެންނެވެ. ފުރަތަމަ އެ ކަމާ ހިތްހަމަ ނުޖެހުނު ނަމަވެސް ފަހުން ފިލްމަށް ލިބުނު ކާމިޔާބީއާ އެކު އެ ވިސްނުން ބަދަލުވިކަމަށް ބަތަލާވަނީ ބުނެފައެވެ. ހާއްސަކޮށް އަދިތީއަކީ ހިންދީ ފިލްމުތަކުން ފެންނަ މޫނަކަށްވެފައި މަލަޔާލަމް އޯޑިއަންސްއިން ލިބުނު ތަރުޚީބުން ސަޕްރައިޒްވިކަމަށް ބަތަލާ ބުނެފައިވެއެވެ.
އަދިތީ ބުނެފައިވަނީ ރީތީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ކޮންމެ ފިލްމެއް ވެސް ބެލުންތެރިން ބަލައިގަންނާނެ ކަމަށެވެ.
ފިލްމު "ޕަދްމަވާތް"ގެ ވެސް މުހިއްމު ރޯލްއިން ފެނިފައިވާ އަދިތީއަކީ ހިންދީ ސިނަމާގައި 17 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ހުނަރުވެރި ބަތަލާއެކެވެ. އަދިތީ ދެން އެންމެ އަވަހަށް ފެންނާނީ ސަންޖޭ ލީލާ ބަންސާލީގެ ވެބް ސީރީސް "ހީރާމަންޑީ"އިންނެވެ.