23 Apr 2012, 15:10
ހުޅުމާލޭގައި އެއްމެދު އިމާރާތް ތަރައްގީކުރަން ޖައުސާ އަށާއި ދަމާސްއަށް ހުޅުމާލޭގެ ޑިވިލޮޕްމަންޓް (އެޗްޑީސީ) އިން ދީފައިވާ ދެ ބިމުގައި ތަރައްގީކޮށްފައިވާ ޕްލެޓްތައް ވިއްކުމުގެ ހުއްދަ އެޗްޑީސީން އެ ދެކުންފުންޏަށް ދީފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ އެއްމެދު އިމާރާތްތަރައްގީ ކުރުމަށް އެ ެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި އެބިމުގައި ތަރައްގީކުރުމަށްފަހު ފްލެޓްތައް ކުއްޔަށްދޭ ގޮތަށް އެއްބަސްވެފައިވި ނަމަވެސް، އެތަންތަން ވިއްކުމުގެ ހުއްދަ ދިނީ އެފަރާތްތަކުން އެކަމަށް އެދި އަލުން ހުށަހެޅުމުން ކަމަށެވެ. ސުހެލް ވިދާޅުވީ އެބިންތަކުގައި ތަރައްގީކުރާ އިމާރާތްތައް ބޭނުން ކުރާނެ ދެ ގޮތެއް ޕްރޮޕޯޝަލްތައް ހުށަހެޅި އިރު ދީފައިވާއިރު ކުރިން އެފަރާތްތަކުން އިހުތިޔާރުކުރީ ކުއްޔަށް ދިނުމަށް ކަމަށެވެ.
" އިއުލާންކުރި އިރުވެސް ދެ އޮޕްޝަނެއް ދީފައި އޮންނާނީ. އެއީ ބިން ވިއްކާ ގޮތަށާއި ކުއްޔަށް ދިނުމަށް. އެފަރާތްތަކުން އެންމެ ފުރަތަމަ ސިލެކްޓް ކުރީ ކުއްޔަށްދޭ ގޮތަށް، ނަމަވެސް ފްލެޓްތައް މާކެޓަށް ނެރުމުން އެތަންތަނަށް ގަތުމަށް ބޭނުންވާ ފަރާތްތަކުގެ ޑިމާންޑް ބޮޑުވުމުން އެފަރާތްތަކުން ނިންމީ ބިން ގަނެގެން ފްލެޓްތައް ވިއްކާލާ ގޮތަށް،" ސުހެއިލް ވިދާޅުވި އެވެ.
ހުޅުމާލޭގައި ދޫކޮށްފައިވާ މިދެބިން ވެސް މިހާރު ވަނީ މުޅިން ތަރައްގީކޮށް ނިމިފަ އެވެ. އަދި މިފަދަ އިތުރު ބިންތައް ތަރައްގީކޮށް ވިއްކުމަށާއި ކުއްޔަށް ދިނުމުގެ އިތުރު ފުރުސަތުތައް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުންޏެވެ.