22 Apr 2023, 21:11
އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއި ސަލާމަތްތެރި ކަމާއެކު ދުނިޔެ ވާސިލްކޮށް އުފާވެރި މުސްތަގުބަލެއް ހޯދުމަށް މަސައްކަތް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިލްތިމާސް ކުރައްވައިފިއެވެ.
މިއަދު ފާހަގަކުރަމުންދާ "އާތު ޑޭ" ގެ މުނާސަބަތުގައި ކުރެއްވި ޓުވިޓެއްގައި މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ވެއްޓަށް ލިބެމުންދާ ގެއްލުންތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާ ކަމަށާއި، ގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރަނީ ރާއްޖެ ފަދަ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކު ތިމާވެއްޓަށް ކަމަށެވެ. އަދި ދުނިޔެ އަހަރުމެންގެ ރައްކާތެރިކަމަށް އެދޭ އިރު އެ ގޮވުމަށް އިޖާބަ ދޭން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު ދެއްވި މެސެޖުގައި ތިމާވެށީގެ ނިޒާމުތައް އަލުން އިއާދަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި ގުދުރަތާއި އެއްބައިވަންތަކަން އިތުރުކުރުމާއި އަދި ދެމެހެއްޓެނިވި އިގްތިސާދެއް ޚިޔާރު ކުރުމަށް ވެސް ގޮވާލެއްވިއެވެ.
އޭގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދިރުންތައް ރައްކާތެރިކުރުމަށް އާ ހިތްވަރަކާ އެކު އެންމެން އެކުގައި މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ "އާތު ޑޭ" އަކީ ތިމާވެށި ހިމާޔަތް ކުރުމަށް ތާއީދުކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1970 ވަނަ އަހަރުއެވެ.