22 Apr 2023, 16:22
ފުލުހަކަށް ހަމަލާ ދިން މައްސަލައެއްގައި އިއްޔެ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ރޭ މަޖީދީމަގު ޓިނު ޕާކު ކައިރީ ހިނގި އެކްސިޑެންޓަކާ ގުޅިގެން މާރާމާރީއެއް ހިނގާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީ ހުއްޓުވަން ދިޔަ ފުލުުހުންނަށް މަރުގެ އިންޒާރުދީ އެތަނުން ފުލުހަކަށް ހަމަލާ ދިން ކަމަށާއި އެކަމާ ގުޅިގެން ތިން މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ 20 އަހަރާއި 25 އަހަރާއި 21 އަހަރުގެ ތިން ފިރިހެނުންނެވެ.
އެ ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުން ވަނީ ތިން މީހުންނަށް ވެސް ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
އެމީހުންގެ މައްޗަށް ވަނީ ފުލުހެއްގެ ގައިގައި ޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުކޮށްފައެވެ.
އެ ތިން މީހުންގެ ކޯޓު އަމުރުގައި ވަނީ އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅުން ހުރި ހެއްކާއި ގަރީނާ ކޮންމެވެސް މިންވަރަކަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.