އޭފްސީ ކަޕުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ޕޮއިންޓެއް ލިބި ، ދެ ވަނަ ބުރުގެ އަމިއްލަ ބާރު ގެއްލިފައިވި ނަމަވެސް އަދިވެސް ދެ ވަނަ ބުރަށް ދެވިދާނެ ކަމަށް ވީބީ އައްޑޫ އެފްސީގެ ކޯޗު ޖޭން ވަންލީ ބުނެފިއެވެ.

މާދަމާ ރޭގެ މެޗަށް ވީބީ ނިކުންއިރު، އެޓީމް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ. އަދި އިދިކޮޅަށް ނިކުންނަ އަލް އަހަދު އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ. ގްރޫޕްގެ އެއް ވަނާގައި 10 ޕޮއިންޓާއެކު އަލްއިއްތިފާގު އޮތްއިރު ދެ ވަނައި ގައި އޮތީ ހަތް ޕޮއިންޓާއެކު އޮތް ކުވައިތު ސްޕޯޓްސް ކުލަބެވެ.

މާދަމާ ރޭ 9:00 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭ މެޗުގެ ކުރިން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ކޯޗް ވަންލީ ބުނީ، މުބާރާތުގެ ދެވަނަ ބުރަށް ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަން ކުރުމަށް ބުރަމަސައްކަތެއް ކުރަން ޖެހިފައިވާ ކަމަށެވެ.

"އަަހަރެމެންނަށް އޮތީ ވަރަށް ހަނި ފުރުސަތެއް. އެކަމަކު ދެވަނަ ބުރަށް ދިއުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަމެއް. އެކަންކުރުމަށް އަހަރެމެން ވަރަށް ބުރަ މަސައްކަތެއް ކުރަން ޖެހޭނެ. ޕޮއިންޓަކާއެކު މުބާރާތް ނިންމާލަން ބޭނުމެއްނޫން.ކުރިން ފަހަރުތަކުގައިވެސް މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ވީބީއިން ވާނީ ހޯދާފައި." ވަންލީ ބުންޏެވެ.

ވަންލީ ބުނީ، މިފަހަރުގެ ފެށުން އެހާ ރަނގަޅު ނޫންކަމަށް ގަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް މާދަމާ ރޭގެ ވިބީއާ ދެކޮޅަށް ނިކުންނަ އަލް އަހެދަކީ ރަނގަޅު ސްކޮޑެއް އޮތްޓީމަކަށް ވީއިރު، އެޓީމު ބަލިކުރުންވާނީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް ވަންލީ ބުންޏެވެ.

"އިދިކޮޅު އަލް އަހަދު ޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ޓީމެއް. އަހަރެމެން ނުކުންނާނީ މިމެޗުން ތިންޕޮއިންޓް ހޯދަން." ވަންލީ ބުންޏެވެ.

އަލް އަހުދު ޓީމުގެ ކޯޗް މުހައްމަދު ސާހިލް ބުނީ، ވިބީއާ ދެކޮޅަށް ނިކުންނާނީ މޮޅެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި މާދަމާގެ މެޗާ ކުރިމަތި ލާއިރު ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް އަނިޔާގެ މައްސަލައެއް ކުރިމަތި ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.

"ވީބީ ބަލިކުރެވޭނެ. އަހަރުމެން ބޭނުން ވަނީ މޮޅަކާއެކު ދެ ވަނަ ބުރަށް ދިއުމަށް." ކޯޗް ސާހިލް ބުންޏެވެ.