ދިވެހީންގެ އެހީގައި ފުރަތަމަ ފަހަރަށް ފަލަސްތީނުގެ ޣާޒާގައި މިސްކިތެއް އެޅުމަށް ނިންމައިފިއެވެ.

އެކިއެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ދިވެހީންގެ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިސްކިތް އެޅުމުގެ މަސައްކަތް މިއަދު އިފްތިތާހު ކޮށްފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޣާޒާގެ އިސް ވެރިންނާއި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ބުނެފައިވެެއެވެ.

އައިއޭސީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މި މިސްކިތް ބިނާކުރާނީ މުންނާރަކާއެކު ތިން ބުރިއަށް ކަމަށެވެ. މަސްޖިދުލް ގުއްދޫސްގެ ނަން މިސްކިތަށް ދޭން ނިންމައިފާއިރު އެ މިސްކިތަކީ 1،100 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިސްކިތުގެ ފުރަތަމަ ބުރި ޚާއްސަ ކުރެވޭނީ އަންހެނުންނަށް ކަމަށާއި އެ ތަނުގައި 390 މީހުންގެ ޖާގަ އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި މިސްކިތުގައި ހަތަރު ފާހާނާ ގާއިމުކުރެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މިސްކިތް އަޅާނީ ޣާޒާގެ ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކަމަށާއި ޣާޒާގައި މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް މި އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމައިލެވޭނެކަމަށް އުންމީދުކުރާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.