22 Apr 2023, 13:37
ހުޅުމާލޭގައި އާންމު ބައެއް ކުންފުނިތަކުން އަޅަމުންދާ ފްލެޓުތަކެއް އާބަންކޯގެ ވެރިންނަށް ބަހާފައިވާ ކަމަށް ބުނެ، ދައުރުކުރަމުންދާ ލިސްޓަކީ ސައްހަ ނޫން ލިސްޓެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުން 34 ފްލެޓެއް އާބަންކޯގެ މުވައްޒަފުންނަށް ވިއްކުމަށް އެ ކުންފުނިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިއުލާންކޮށްފައެވެ.
އެ އިއުލާނާ ގުޅިގެން ސޯޝަލް މީޑިއާ އެކައުންޓެއްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ 34 ފްލެޓް ހާއްސަކޮށްފައި ވަނީ ކުންފުނީގެ އިސް މަގާމުތަކުގައި ތިއްބެވި 34 ބޭފުޅަކަށް ކަމަށެވެ. އެގޮތުން 34 މީހެއްގެ ނަމާއި ފްލެޓުތަކާއި އަގުތަކުގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފައެވެ.
އެ ލިސްޓާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނުގައި ވަނީ، އެ ފްލެޓްތަކަކީ ހަތަރު މަޝްރޫއެއް ހިންގުމަށް އެ ކުންފުނިން ދީފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ފްލެޓުތައް ކަމަށެވެ.
މިދިޔަ އަހަރު ކުރިއަށްގެންދިޔަ ސްޓާފް ހައުސިން ސްކީމްގެ ދަށުން އެ ޔުނިޓްތައް ވިއްކުމަށް ހުޅުވާލި ނަމަވެސް ފްލެޓުތަކަށް އެދި ކުރިމަތިލި މީހުންނަށް ފުރުސަތުދީ ނިމުނުއިރު 34 ޔުނިޓު ނުވިކޭ ކަމަށާއި ސަބަބަކީ ބައެއް މުވައްޒަފުން ފްލެޓް ދޫކޮށްލާފައިވުމާއި ޝަރުތު ހަމަނުވާ މުވައްޒަފުން ތިބުން ކަމަށް އެ ބަޔާނުގައިވެއެވެ.
އާބަންކޯއިން ބުނީ މިހާރު އިއުލާންކޮށްފައިވާ ފްލެޓުތަކަށް 800އަށް ވުރެ ގިނަ މުވައްޒަފުންގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި އެ ޔުނިޓްތައް ވަކި އުސޫލެއްގެ ތެރެއިން ވިއްކުމަށް ކަނޑައަޅާފައިވާ ކަމަށާއި ޕޯޓަލްއެއް މެދުވެރިކޮށް އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
"ކާކުކަން ނޭނގޭ އެކައުންޓަކުން، މި ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއެކު މި ކޯޕަރޭޝަންގެ އިސް ވެރިންގެ ލިސްޓެއް ކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިސްޓެއް މީސްމީޑިއާގައި ދަނީ ދައުރުކުރަމުންނެވެ. މި ދޮގު ޚަބަރާއި މައުލޫމާތު ފޯރުކުރަމުން ދަނީ ކަމުގެ ހަގީގަތް އޮޅުވާލާ ކުންފުނީގެ އަގު ވައްޓާލުމަށެވެ،" ބަޔާނުގައިވެއެވެ.
އެކަމާ ގުޅިގެން ބައެއް މީޑިއާތަކުގައި ޚަބަރު ޝާއިއު ކުރުމުގެ ކުރިން ކުންފުނީގެ ބަސް ހޯދާފައި ނުވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އާބަންކޯއިން ވަނީ ހުޅުމާލޭގައި ހިންގާ މަޝްރޫއުތައް ބައްޓަން ކޮށްފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް ކުރިއަށްގެންދާ ގޮތަށް ކަމަށާއި އެ ކުންފުނީގެ އިންޓަނަލް އޮޑިޓުން އެފަދަ މަސައްކަތްތައް ގަވައިދުން ބަލަމުންދާ ކަމަށް ބުނެފައެވެ.