22 Apr 2023, 12:13
ރޯދަ މަހު ޅ. ނައިފަރުގެ މިސްކިތްތަކުގައި ހިފުޒުކޮށް، ތަރާވީހު ނަމާދާއި ދަމު ނަމާދުކޮށްދިން ދަރިވަރުންގެ ހިދުމަތުގެ އަގުވަޒަންކޮށްފިއެވެ.
އިއްޔެގެ އީދު ނަމާދަށް ފަހުގައި، އެ ކުދިންގެ އަގުވަޒަންކޮށް ވަނީ ހަނދާނީ ފިލައަކާއި 3،500 ރުފިޔާ ކޮންމެ ކުއްޖަކަށް ދީފައެވެ. މިއީ އެ ރަށުގެ ޒުވާނުންގެ ގުރޫޕެއް ކަމަށްވާ ދޯކާ އެފްސީ އިން އިސްނަގައިގެން ކުރާ ކަމެކެވެ.
ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ސްކޫލް ކުދިން ބޭނުންކޮށްގެން ހިފްޒުކޮށް ތަރާވީހް ނަމާދާއި ދަމު ނަމާދު ކުރާތާ މިއީ ތިންވަނަ އަހަރު ކަމަށެވެ. މި އަހަރު މި ކަމުގެ ތެރެއަށް އިތުރު ކުދިންތަކެއް ވެސް ނެރެވިފައިވާ ކަމަށާއި މިދިޔަ ތިން އަހަރު ވެސް ދޯކާ އެފްސީގެ ފަރާތުން އެ ކުދިންގެ އަގު ވަޒަންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
"ރެޖިސްޓާޑް ބޮޑީއެއް ނޫން އެއީ. އެކަމަކު ވަރަށް ދުވަސްވެއްޖެ އެ ގުރޫޕް އެ ގޮތަށް އޮންނަތާ. އެ މީހުންގެ ތެރޭގައި ގެންގުޅޭ ސަގާފަތެއް އެއީ ރަށުގެ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމާއި މިފަދަ ކަންކަމުގައި ހިތްވަރުދިނުން،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"އެ ގޮތަށް އެ ކަން ކުރުމުގެ ބޭނުމަކީ އެ ކުދިންނަށް ހިތްވަރު ދިނުން،"
އިމާމުވެ ނަމާދުކުރި ދަރިވަރުން؛
1. އާސިރު އާސިފް ޔޫސުފް
2. އަބްދުﷲ ހަޔާން ހަމީޒު
3. އާރިޝް އަބްދުﷲ އިބްރާހީމް
4. އިސްމާއީލް އަޝްހަމް އަހުމަދު
5. މިޝްއާލް މުހައްމަދު ފަސީހް
6. މުހައްމަދު ހާދިން ސައުދުﷲ
7. މިރުއާޝް ހުސައިން މިރުޒާ
8. މުހައްމަދު ޔަޒިން ޔާސިރު

ނައިފަރުގައި އިމާމުވެ ނަމާދުކުރާ ދަރިވަރުންގެ އަގުވަަޒަންކުރުން --
ދޯކާއެފްސީ އަކީ ކޮންމެ ކަމެއްގައި ވެސް ކުރަން ޖެހޭ ހޭދަތައް އެ ގުރޫޕުގެ މެންބަރުންގެ އަތުން ނެގޭ ޗަންދާއިން ހަމަޖައްސަމުންދާ ގުރޫޕެކެވެ.
ރަށުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ އެކި އުމުރުގެ ޒުވާނުން ހިމެނޭ މި ގުރޫޕުން ވަނީ ރަށު ފެންވަރުގެ އެކި ހަރަކާތްތައް ހިންގާފައެވެ. ދީނީ އެކި އެކި ކަންކަން އިންތިޒާމުކުރުުމާއި އަމަލީގޮތުން ބައިވެރިވުމުގެ އިތުރުން އިޖުތިމާއީ އެކި އެކި ކަންކަމުގައި ވެސް އަމަލީ ގޮތުން އަންނަނީ ބައިވެރިވަމުންނެވެ.